މަސްވެރިންނަށް ސަބްސިޑީ ދިނުން އިންސާފެއް ނޫން، އަގު ދަށް ކުރަން ޖެހޭ: ނާޒިމް

މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްވެރިންނަށް ދައުލަތުގެ ބަޖެޓުން ދޭ ސަބްސިޑީއަކީ އިންސާފުން ދޭ އެއްޗެއް ނޫން ކަމަށާއި މިފްކޯއަށް މަސް ގަންނަ އަގު މާކެޓުގައި ހުރި އަގަށް ބަދަލު ކުރަން ޖެހޭ ކަމަށް، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ނިސްބަތްވާ އައްޑޫސިޓީ، މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ މިއަދު ވަނީ މިފްކޯއަށް މަސްވެރިން ވިއްކި މަހަށް ފައިސާ ދޫނުކުރާތީ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފައެވެ. މަސްވެރިން ވިއްކާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު އެކަން ނުވާތީ މަސްވެރިން ތިބީ ވަރަށް ހާލުގައި ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

އެމްޑީޕީއިން ހުށަހެޅި އެ ކުއްލި މައްސަލަ ވަނީ ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ބަލައިގެންފައެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ މަސް ގަންނަ އަގު މާކެޓްގެ އަގާ އެއްވަރަށް ދަށް ކުރަން ޖެހޭ ކަމަށް -- ފޮޓޯ/ މަޖިލިސް

އެ މައްސަލައަށް ބަހުސް ކުރައްވަމުން ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާ ނާޒިމް ވިދާޅުވީ މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގަކީ ދެކޮޅު ޖެހޭ އަގެއް ނޫން ކަމަށެވެ. އެއީ ދުނިޔޭގެ ބާޒާރުގައި މަސް ކިލޯއެއް ވިއްކޭ އަގަށް ވުރެން ބޮޑު އަގަކަށް މަސްވެރިންގެ އަތުން މަސް ގަންނަން ޖެހޭތީ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މިކްފޯއަށް ކޮންމެ ކިލޯއަކުން އަށް ކިލޯ ގެއްލުންވާ ކަމަށް ވަނީ މި އަގަށް މަސް ގަނެ އެކްސްޕޯޓް ކުރީމައި. އެހެންކަމަށް ވާނަމަ ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރާ ކަމަށްވާނަމަ ފައިސާ ދެވޭނީ ފައިސާ ބަރާބަރަށް ދެވޭވަރުގެ އަގެއްގައި މަސް ގަނެގެން،" ނާޒިމް ވިދާޅުވިއެވެ.

ނަމަވެސް ނާޒިމް ވިދާޅުވީ މިހާރު ގަނެފައިވާ މަހަށް އެ ދޭން ޖެހޭ ފައިސާ ވީ އެންމެ އަވަހަކަށް ދޭން ޖެހޭ ކަމަށެވެ. ނަމަވެސް ގައުމުގެ ހާލަތު ހުރީ ފައިސާ ދެވޭ ގޮތަކަށް ނޫން ކަމަށާއި އެ ހާލަތަކީ މި ސަރުކާރަށް ވާރުތަވި ހާލަތެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ މި އަގު މުރާޖާ ކުރުމާ ދޭތެރޭގައި. ކޮންމެހެން ކުރަން ޖެހޭ ކަމެއް މިއީ،" ނާޒިމް ވިދާޅުވިއެވެ.

https://sun.mv/193550

އޭނާ ވިދާޅުވީ މަސްވެރިންގެ އާބާދީއަކީ 17000 ކަމަށެވެ. އޭގެ ތެރެއިން ކަންނެލީގެ މަސްވެރިކަމުގައި އުޅެނީ 3700 މީހުން ކަމަށް ނާޒިމް ވިދާޅުވިއެވެ. މިފްކޯއަށް މަސް ކިރުމަށް 614 ދޯނި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަސްވެރިކަން ކުރާ 17000 މީހުންނަށް ދައުލަތުގެ ބަޖެޓުން މިހާ ބޮޑު ސަބްސިޑީއެއް ދިނުމަކީ އިންސާފެއް ނޫން ކަމަށެވެ.

"ސިވިލްސާވެންޓުންގެ ތެރޭގައިވެސް 35000 މީހުން އެބަތިބި. ރިސޯޓްތަކުގައި މަސައްކަތް ކުރާ 15000 އަށް ވުރެން ގިނަ މީހުން އެބަތިބި. އެކަމަކު އަޅުގަނޑުމެން ސަބްސިޑީ މިދެނީ މި 17000 މަސްވެރިންނަށް. މިއީ އެއްގޮތަކަށް ވެސް އިންސާފެއް ނޫން." ނާޒިމް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ މިކަމުގައި ދެވަނަ ވިސްނުމަކަށް ދާން. އަޅުގަނޑުމެންގެ ޕާޓީ ރޮނގުތަކާއި ޕާޓީ ކުލަތަކާ ފަހަނައަޅައި އަޅުގަނޑުމެން އެބަޖެހޭ ހަގީގަތް ގަބޫލު ކުރާ ބަޔަކަށް ވާން."

ނާޒިމް ވިދާޅުވީ މަސް ކިލޯއެއް ގަނެވެން އޮތީ 12 ރުފިޔާއަށް ނުވަތަ 15 ރުފިޔާއަށް ކަމަށްވާނަމަ އެކަން ކުރަން ވާނީ ދެކޮޅު ޖެހޭ އަގަކަށް ކަމަށެވެ. އޭރުން މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ ބަރާބަރަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯއިން މަސްވެރިންނަށް ފައިސާ ނުދީ ގިނަ ދުވަސްވެ، މަސްވެރިން އަންނަނީ ހުކުރު ދުވަހުން ފެށިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގައި އިހުތިޖާޖުކުރަމުންނެވެ.

މަސްވެރިންނަށް ނުދެވި ހުރި 90 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ޢީދު ބަންދުގެ ކުރިން ދޫކުރިއިރު، މިހާރު ނުދެވި ހުރި ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ސަރުކާރުން މި ހަފުތާގައި ވެސް އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދޫކުރުން ކަމުގައި ވިދާޅުވެފައެވެ. އެކަމަކު، އެ ފައިސާ ދޫކުރެވޭނެ ސީދާ ތާރީޚެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ގޮތުގައި މަސްވެރިންނަށްވީ ވައުދުތައް ފުއްދޭނީ އިގުތިސާދީ ހާލަތު ރަނގަޅުވުމުންނެވެ.

comment ކޮމެންޓް