ނުރައްކާތެރި މެނިންގޮކޯކަލް ބަލި ރާއްޖެއިން ފެނުނު ނަމަވެސް އެ ބަލި ރާްއްޖޭގައި ފެތުރެމުންނުދާ ކަމަށާއި ބައްޔަށް ވެކްސިން ޖަހަންޖެހޭނީ ހައި-ރިސްކް މީހުން އެކަނި ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
މެނިންގޮކޯކަލް ބަލި ރާއްޖެއިން ފެނުނީ މި އަހަރު ޙައްޖުގެ އަޅުކަން އަދާކޮށްފައި އައި މީހެއްގެ ފަރާތުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ)އިން ވަނީ ރާއްޖެއިން މެނިންގޮކޯކަލް ބަލި ފެނުނުކަން ކަށަވަރުކޮށްދީފައެވެ. އެ އެޖެންސީން ބުނީ، ބަލި ފެނުނު މީހާއާ ކޮންޓެކްޓުވި މީހުން ދެނެގަނެ، އެ މީހުންނަށް ޕްރޮފައިލެކްޓިކް ބޭސް ދީފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ، މެނިންގޮކޯކަލް ބަލި ރާއްޖޭގައި ފެތުރެމުންނުދާ ކަމަށެވެ.
އެހެންވެ، އާންމުންނާއި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިން ވެސް އަދި މެނިންޖައިޓިސް ވެކްސިން ޖަހަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެކަމަކު، ހައި-ރިސްކު ބަލި މީހުން ބައްޔަށް ވެކްސިން ޖަހަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ހައި-ރިސްކު މީހުންގެ ތެރޭގައި ހިމެނެނީ:
- ޙައްޖަށް އަދި މެނިންގޮކޯކަލް ބަލި ފެނިފައިވާ ގައުމުތަކަށް ދަތުރުކުރާ މީހުން
- ޚާއްސަ ހާލަތެއް ދިމާވެފައިވާ ބަލި މީހުން
މެނިންގޮކޯކަލް ބައްޔަކީ ނިސޭރިއާ މެނިންޖިޓައިޑިސްއިން ޖެހޭ ބައްޔެކެވެ. މެނިންގޮކޯކަލް އިންފެކްޝަންތަކުގެ ތެރެއިން އެންމެ އާންމީ މެނިންޖައިޓިސް އާއި ލޭގެ އިންފެކްޝަންތަކެވެ.
މެނިންގޮކޯކަލް މެނިންޖައިޓިސް ޖެހުމުން, ސިކުނޑިއާއި ސްޕައިނަލް ކޯޑުގެ ވަށަގެން ހުންނަ ދުލިފަށަލަ އިންފެކްޓުވެ, ދުޅަވެއެވެ. މެނިންގޮކޯކަލް ލޭގެ އިންފެކްޝަން ޖެހުމުން, ބެކްޓީރިއާ ލޭގައި ދައުރުވެ, ލޭހޮޅިތަކަށް ގެއްލުންދެއެވެ. އޭގެ ސަބަބުން ގުނަވަންތަކުން ލޭ އަންނަން ފަށައެވެ.
ބަލީހެ އެންމެ އާންމު އަލާމާތްތައް:
- ހުންއައުން
- ބޮލުގައި ރިއްސުން
- ކަރަށް ބާރުވެ, ފިތި, ތަދުވުން
އިތުރަށް ފެންނަ އަލާމާތްތައް
- މޭނުބައިކުރުން
- ހޮޑުލެވުން
- ވާނުވާ ނޭނގުން/ ހޭވެރިކަމަށް އަސަރުކުރުން
- އަލިގަދަވުމުން އުނދަގޫވާ މިންވަރު އިތުރުވުން
- ލޭގެ އިންފެކްޝަން
- އަތާއި ފައިތިލަ ފިނިވުން
- ބޭރަށް ހިންގުމާއި މޭނުބައިވުން
- ވަރުބަލިވުން
- ހުންއައިސް ހީކެރުވުން
- ނޭވާކުރުވުން
- މަސްގުޅަކެއުން
- ބަލި ޖެހި ގިނަ ދުވަސްވުމުން ނޫފައިގެންފައި ހުރުން
އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މެނިންގޮކޯކަލް ބެކްޓީރިއާ ފެތުރެނީ ގައިގޯޅިވެ އުޅުމުން, ކުޅުންނާއި ނެވާލާ ނިޒާމުގެ ތެރެއިންނެވެ. ނަމަވެސް، ބަލި ފެތުރެނީ ދިގު މުއްދަތަކަށް އެ ބެކްޓީރިއާއަށް ހުށަހެޅުންކަމާއި އެއީ ހުމާއި ރޯނގާ ގޮތަށް ފަސޭހައިން ފެތުރޭ ބައްޔެއް ނޫންކަން ސީޑީސީން ފާހަގަކުރެއެވެ.
ސީޑީސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު, ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ވެކްސިން ޖެހުމެވެ. އެގޮތުން ފުރާވަރު އުމުރާ ގާތް އުމުރުތަކުގެ ކުދިންނާއި ފުރާވަރުގެ ކުދިންނާއި ބައްޔަން ހުށަހެޅުމުގެ ނުރައްކާ އޮތް ބޮޑު މީހުން ވެސް ވެކްސިން ޖެހުމަށް ސީޑީސީން އިލްތިމާސްކުރެއެވެ.