ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނި, ދިވެހިން މި ވަގުތު ވަނީ ހާސްކަމެއްގެ ތެރޭގައެވެ.
އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު "ސަން"އަށް ވިދާޅުވި ގޮތުގައި މި ބަލީގެ އެއް ކޭސް ފެނިފައިވީ ނަމަވެސް ބަލި މުޖުތަމައުގައި ފެތުރެމުން ނުދެއެވެ.
މެނިންގޮކޯކަލް ބައްޔަކީ ނިސޭރިއާ މެނިންޖިޓައިޑިސްއިން ޖެހޭ ބައްޔެކެވެ. މެނިންގޮކޯކަލް އިންފެކްޝަންތަކުގެ ތެރެއިން އެންމެ އާންމީ މެނިންޖައިޓިސް އާއި ލޭގެ އިންފެކްޝަންތަކެވެ.
މެނިންގޮކޯކަލް މެނިންޖައިޓިސް ޖެހުމުން, ސިކުނޑިއާއި ސްޕައިނަލް ކޯޑުގެ ވަށަގެން ހުންނަ ދުލިފަށަލަ އިންފެކްޓުވެ, ދުޅަވެއެވެ.
މެނިންގޮކޯކަލް ލޭގެ އިންފެކްޝަން ޖެހުމުން, ބެކްޓީރިއާ ލޭގައި ދައުރުވެ, ލޭހޮޅިތަކަށް ގެއްލުންދެއެވެ. އޭގެ ސަބަބުން ގުނަވަންތަކުން ލޭ އަންނަން ފަށައެވެ.
މެނިންގޮކޯކަލް މެނިންޖައިޓިސް އާއި މެނިންގޮކޯކަލް ލޭގެ އިންފެކްޝަން ޖެހުމުން ފެންނަ އަލާމާތްތައް ތަފާތެވެ. ނަމަވެސް ދެ ބާވަތް ސީރިއަސް ވެފައި ނުރައްކާ ބޮޑެވެ.
މެނިންގޮކޯކަލް މެނިންޖައިޓިސް
އެންމެ އާންމު އަލާމާތްތައް:
- ހުންއައުން
- ބޮލުގައި ރިއްސުން
- ކަރަށް ބާރުވެ, ފިތި, ތަދުވުން
އިތުރަށް ފެންނަ އަލާމާތްތައް
- މޭނުބައިކުރުން
- ހޮޑުލެވުން
- ވާނުވާ ނޭނގުން/ ހޭވެރިކަމަށް އަސަރުކުރުން
- އަލިގަދަވުމުން އުނދަގޫވާ މިންވަރު އިތުރުވުން
- ލޭގެ އިންފެކްޝަން
- އަތާއި ފައިތިލަ ފިނިވުން
- ބޭރަށް ހިންގުމާއި މޭނުބައިވުން
- ވަރުބަލިވުން
- ހުންއައިސް ހީކެރުވުން
- ނޭވާކުރުވުން
- މަސްގުޅަކެއުން
- ބަލި ޖެހި ގިނަ ދުވަސްވުމުން ނޫފައިގެންފައި ހުރުން
އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މެނިންގޮކޯކަލް ބެކްޓީރިއާ ފެތުރެނީ ގައިގޯޅިވެ އުޅުމުން, ކުޅުންނާއި ނެވާލާ ނިޒާމުގެ ތެރެއިންނެވެ. ނަމަވެސް ބަލި ފެތުރެނީ ދިގު މުއްދަތަކަށް އެ ބެކްޓީރިއާއަށް ހުށަހެޅުން ކަމާއި އެއީ ހުމާއި ރޯނގާ ގޮތަށް ފަސޭހައިން ފެތުރޭ ބައްޔެއް ނޫންކަން ސީޑީސީން ފާހަގަކުރެއެވެ.
މެނިންގޮކޯކަލް ބަލިން ރައްކާތެރިވުން
ސީޑީސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލައިއިރު, ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ވެކްސިން ޖެހުމެވެ. އެގޮތުން ފުރާވަރު އުމުރާ ގާތް އުމުރުތަކުގެ ކުދިންނާއި ފުރާވަރުގެ ކުދިންނާއި ބައްޔަން ހުށަހެޅުމުގެ ނުރައްކާ އޮތް ބޮޑު މީހުން ވެސް ވެކްސިން ޖެހުމަށް ސީޑީސީން އިލްތިމާސްކުރެއެވެ.
އެ ބަލި ޖެހިފައި ހުންނަ މީހަކާ ގައިގޯޅިކޮށް އުޅެފައިވާ މީހުން ބަލިން ރައްކާތެރިވުމަށް އެންޓިބަޔޮޓިކް ބޭނުންކުރަން ޖެހޭނެ ކަމަށާއި އެފަދަ މީހުން އަވަހަށް ފަރުވާ ހޯދަން ދިޔުމް މުހިންމު ކަމަށް ސީޑީސީން ފާހަގަކުރެއެވެ.
ބައްޔަށް ފަރުވާ ދިން ނަމަވެސް 10 ނުވަތަ 15 ޕަސެންޓު ކޭސްތަކުގައި ބޮޑުވަރުވެއެވެ. އަދި 20 ޕަސެންޓު ކޭސްތަކުގައި އުމުރު ދުވަހަށް ތަހައްމަލު ކުރަންޖެހޭ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރޭގައި ސިކުނޑިއަށް ގެއްލުންވުން، އަތް ނުވަތަ ފައި ބުރިކުރަން ޖެހުން، ނުވަތަ އަޑުއިވުމުން މަހުރޫމްވުން ހިމެނެއެވެ.
އެހެންވެ, ބަލީގެ އަލާމާތްތައް ފެނުމާއެކު ފަރުވާ ހޯދަން އަވަސްވެގަތުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އަދި ބަލިން ރައްކާތެރިވުމަށް ތިމާއާއި ކުޑަކުދިން ވެކްސިން ޖެހުމަށް ވެސް އިސްކަން ދޭން ޖެހެއެވެ.
ރާއްޖެއިން ބަލީގެ ކޭސް ގުޅިފައި ވަނީ ހައްޖު މޫސުމާ ކަމާ ސޯޝަލް މީޑިއާގައި ވާހަކަދެކެވެމުން އަންނައިރު, ހައްޖާއި އުމްރާއަށް ދާ އެންމެން ވެސް އެ ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖަހައިގެން ދިޔުމަށް ސައުދީ އަރަބިއާއިން އޮންނަނީ ލާޒިމުކޮށްފައެވެ.
މިދިޔަ ބުދަ ދުވަހު އެޗްޕީއޭއިން ނެރުނު ސާކިއުލާއެއްގައި ވަނީ މިއަހަރުގެ އުމްރާ އަޅުގަކަމުގެ ތެރެއިން މެނިންގޮކޯކަލް ބަލި ފެތުރި, އިންޓަނޭޝަނަލް އެލާޓެއް ނެރެފައިވާކަން ފާހަގަކޮށްފައެވެ. އެހެންވެ, ނޭވާލާ ނިޒާމުގެ ބަލިތަކުގެ އަލާމާތްތައް ފެންނަ ހައްޖުވެރިންނާ މެދު ސަމާލުވެ, ފަރުވާ ދިނުމަށް ތައްޔާރުވެ ތިބުމަށް އެ ސާކިއުލާގައި އަންގައިފައިވެއެވެ.
މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ހައްޖުވެރިން އިއްޔެ އަންނަން ފަށައިފައިވާއިރު, ދިވެހިން ވެސް ތިބެންވީ ސަމާލުވެ, ބަލި މީހުންނަށް އަޅާލުމަށް ތައްޔާރުވެ, ނަފުސު ވެސް ރައްކާތެރިކޮށްގެންނެވެ.