ނުރައްކާތެރި ބައްޔެއްކަމަށްވާ މެނިންގޮކޯކަލް ރާއްޖެއިން ފެނިއްޖެ

މެނިންގޮކޯކޮލް ޖެހިފައިވާ މީހެއްގެ ގައި --

ނުރައްކާތެރި ބައްޔެއްކަމަށްވާ މެނިންގޮކޯކަލްގެ ކޭހެއް ރާއްޖެއިން ފެނިއްޖެއެވެ.

އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު "ސަން"އަށް ވިދާޅުވި ގޮތުގައި މި ބަލީގެ އެއް ކޭސް މިހާރު ރާއްޖޭގައި އެބަ އުޅެއެވެ. ނަމަވެސް މި ބަލި ފެތުރެމުންނެއް ނުދެއެވެ.

އަދި ރަސްމީކޮށް އިތުރު މައުލޫމާތު ހިއްސާކުރާނެކަމަށް ވެސް މައިމޫނާ ވިދާޅުވިއެވެ.

މެނިންގޮކޯކަލްއަކީ ނުރައްކާތެރި ބެކްޓީރިއާއެއްކަމަށްވާ ނެއިސެރިއާ މެނިންގްޓިޑިސް ނުވަތަ އާންމު ނަމުންނަމަ މެނިންގޮކޯކަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

އެ ބެކްޓީރިއާގެ ސަބަބުން އެންމެ އާންމުކޮށްޖެހެނީ ދެ ބައްޔެކެވެ. އެއީ ސިކުނޑިއާއި މައިބަދައާ ގުޅުވައިލާ ސަރަހައްދަށް އިންފެކްޓުވާ މެނިންގޮކޯކަލް މެނިންގިޓިސްއާއި، ލެޔަށް ޖެހޭ އިންފެކްޝަނެއްކަމަށްވާ މެނިންގޮކޯކަލް ސެޕްޓިސެމިއާއެވެ.

މި ބެކްޓީރިއާ އިންފެކްޓުވެ ބަލި ޖެހުމުން ފެންނާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ހުން ގަދައަށް އައުން
  • ބޮލުގައި ވަރަށް ބޮޑަށް ރިއްސުން
  • ކަރަށާއި ކަނދުރާއަށް ތަދުވެ، ބާރުވެފައިހުރުން
  • ހޮޑުލެވުން
  • ހަންގަނޑުގައި ރަތް، ދަނބު ކުލައިގެ ފިތްގަނޑުލުން
  • ފައިގައި ރިހުން
  • އަވަސްއަވަހަށް ނޭވާ ލެވުން
  • އަތްފައި ފިނިވުން

މި ބަލި ފެތުރެނީ ބަލި ޖެހިފައި ހުރި މީހަކާ ޑައިރެކްޓް ކޮންޓެކްޓަކަށް ވުމުން، ނޭވާލައި ނިޒާމުގެ ތެރެއިންނާއި އަނގައިގެ ތެރެއިންނެވެ. ނަމަވެސް މި ބައްޔަކީ ރޯގާ ފެތުރޭހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫނެވެ.

މި ބަލި ޖެހިފައިވާކަން އެނގުމާއެކު އެންޓިބައިޓިކް ދީ އަވަހަށް ފަރުވާ ދިނުމަކީ މުހިންމު ކަމެކެވެ. އެހެންނޫންނަމަ ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.

ބައްޔަށް ފަރުވާ ދިން ނަމަވެސް 10 ނުވަތަ 15 ޕަސެންޓު ކޭސްތަކުގައި ބޮޑުވަރުވެއެވެ. އަދި 20 ޕަސެންޓު ކޭސްތަކުގައި އުމުރު ދުވަހަށް ތަހައްމަލު ކުރަންޖެހޭ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރޭގައިި ސިކުނޑިއަށް ގެއްލުންވުން، އަތް ނުވަތަ ފައި ބުރިކުރަން ޖެހުން، ނުވަތަ އަޑުއިވުމުން މަހުރޫމްވުން ހިމެނެއެވެ.

ބަލިން ރައްކާތެރިވުމަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ވެކްސިން ޖެހުމެވެ.

ރިފަރެންސް: https://my.clevelandclinic.org/health/diseases/22442-meningococcal-disease

https://www.cdc.gov/meningococcal/about/index.html

comment ކޮމެންޓް