އެކްސިޑެންޓަށް ފަހު ރެނާ އެކްޓިންއަށް ނިކުންނަން ބިރުގަނެފައި

ޖެރެމީ ރެނާގެ އެކްސިޑެންޓަށް ފަހު އިވެންޓަކުން ---

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެރެމީ ރެނާގެ ފުރާނައަށް ނުރައްކާވި އެކްސިޑެންޓަށްފަހު އަދިވެސް އެކްޓިންއަށް އެނބުރި އައުމާ މެދު ބިރު ގަންނަ ކަމަށް އޭނާ ހާމަކޮށްފިއެވެ.

ޑިޒްނީ މާވެލްގެ ކެރެކްޓަރެއް ކަމަށްވާ ހޯކް އައިގެ ރޯލުން ފެންނަ ޖެރެމީ ރެނާގެ ގޭދޮށުން ސްނޯ ސާފު ކުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓެއް ވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ސްނޯ ހުރި ތަޅުންގަނޑެއްގެ މައްޗަށް ކައްސާލައި ގިނަ އަދަދަކަށް އޭނާގެ ގަޔަށް ސްނޯ އެޅުމުގެ ސަބަބުން ރެނާގެ ފަޔަށާއި މެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ރެނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް އައިސީޔޫގައި ފަރުވާދީފައިވާއިރު އޭނާ ގެއަށް ދޫކޮށްލި އިރުވެސް ހާލަތު އެންމެ ރަނގަޅެއް ނުވެއެވެ. އެކްސިޑެންޓަށް ފަހު ރެނާ ވަނީ ހޮލީވުޑާ ދުރަށް ޖެހިލާފައެވެ.

ދާދި ފަހުން ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ރެނާ ބުނެފައިވަނީ އެއްވެސް ކަހަލަ ރޯލެއް ކުޅެވޭނެ ހަކަތަ އާއި ހިތްވަރެއް އަދި އޭނާގެ ގަޔަކު ނެތް ކަމަށެވެ.

އެކްސިޑެންޓަށް ފަހު އޭނާގެ ހަށިގަނޑަށް ލިބިފައިވާ ބަދަލުތަކާއި ގެއްލުންތަކަށް ބަލައި އަދި އެކަން ގަބޫލު ކުރެވޭ ހިސާބަށް ނުދާ ކަމަށް އޭނާ ބުންޏެވެ. އަދި އާ ހަށިގަނޑަށް ފަރިތަ ވާނެ ދުވަހެއް ނޭނގޭ ކަމަށް ވެސް އޭނާ ބުނެއެވެ.

އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެކްސިޑެންޓުގައި އޭނާގެ 30 ކަށިގަނޑެއް ވަނީ ބިނދިފައެވެ. އަދި އެކްސިޑެންޓާއެކު އޭނާ ވަރަށް ފަހަކަށް ޖެހެންދެން ހިނގަމުން ދިޔައީ އެއްޗެއްގެ އެހީގައެވެ. ނަމަވެސް މިހާރު ރެނާ އަންނަނީ އެއްޗެއްގެ އެހީއަކާ ނުލައި ހިނގަން ދަސްކޮށް އިތުރު ފިޒިއޯތެރަޕީތައް ހަދަމުންނެވެ.

ރެނާ ބުނާގޮތުގައި އަދިވެސް އެއްކޮށް ރަނގަޅު ނުވާތީ އެކްޓިން ކުރުމަށް ބިރުގަނެއެވެ. އަދި ބޮޑެތި ރޯލުތައް މިވަގުތު ނަގަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. ތަފާތު އެކްޝަން ރޯލުތައް ކުޅެފައިވާ ރެނާގެ ސްޓަންޓުތައް ވެސް ގިނަ ފަހަރަށް ހަދަމުން އައީ އޭނާއެވެ. މިހާރު އެއިން އެއްވެސް ކަމެއް ކުރެވެން ނެތް ކަމަށް އޭނާ ބުނެއެވެ.

comment ކޮމެންޓް