އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގައި މިހާރު ކުރިއަށްދާ ޓީ ޓުވެންޓީ ކްރިކެޓް ވާލްޑް ކަޕްގެ ސެމިފައިނަލުން ޖާގަލިބުމަކީ ހުވަފެނެއް ފެނުން ކަހަލަ ކަމެއްގެ ގޮތުގައި އަފްޣާނިސްތާންގެ ކެޕްޓަން ރާޝިދު ޚާން ސިފަކޮށްފިއެވެ.
އެ މުބާރާތުގެ ސެމީފައިނަލުން އަފްޣާނިސްތާނަށް ޖާގަ ލިބުނީ ސުޕާ އެއިޓް ގްރޫޕް ވަންގައި ބަންގްލަދޭޝްއާ އިއްޔެ ބައްދަލުކުރި މެޗު ކާމިޔާބު ކުރުމާ ގުޅިގެންނެވެ. މިކާމިޔާބީއާއެކު އަފްޣާނިސްތާން ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް ގްރޫޕްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައެވެ.
މިއާއެކު އަފްޣާނިސްތާން މިވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ބައިނަލްއަޤްވާމީ މުބާރާތެއްގެ ސެމީފައިނަލުން ފުރަތަމަ ފަހަރަށް ޖާގަހޯދައިފައެވެ. އަދި އެންމެ ފަހުން ބޭއްވި 50 އޯވަރުގެ ކްރިކެޓް ވާލްޑް ކަޕްގެ ޗެމްޕިއަން އޮސްޓްރޭލިއާ މިވަނީ ސެމީފައިނަލަށް ނުގޮސް މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.
އޮސްޓްރޭލިއާ ދިޔައީ އަފްޣާނިސްތާންގެ ފަހަތުން ތިންވަނައަށެވެ. ރާޝިދު ބުނި ގޮތުގައި މިއީ އާދަޔާ ޚިލާފު ކަމެކެވެ. އަދި މިކާމިޔާބީއާމެދު އަފްޣާނިސްތާންގެ ހުރިހާ ރައްޔިތުން އަންނަނީ އުފާފާޅު ކުރަމުން ކަމަށް ވެސް އޭނާ ބުންޏެވެ.
އަފްޣާނިސްތާނުން އަންނަނީ ކްރިކެޓްގެ މައިދާނުގައި ފަހަކަށް އައިސް ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އަފްޣާނިސްތާން އައިސީސީގެ އެފިލިއޭޓަޑް މެމްބަރަކަށް ވެފައިވަނީ 2001 ވަނަ އަހަރުއެވެ. އަދި ދާއިމީ މެމްބަރަކަށްވީ 2017 ވަނަ އަހަރުއެވެ.
އަފްޣާނިސްތާން މިއަންނަ ބުރާސްފަތި ދުވަހު ދެކުނު އެފްރިކާއާ ދެކޮޅަށް ނުކުންނާނީ މިފެންވަރުގެ މުބާރާތެއްގެ ފައިނަލްގެ ޖާގައެއް ފުރަތަމަ ފަހަރަށް ހޯދުމުގެ އަޒުމާއެކުއެވެ.
ރާޝިދު ބުނީ އެޓީމުން ހުރިހާ މަސައްކަތެއް ވެސް ކުރަނީ ގައުމާއި އެ ގައުމުގެ ރައްޔިތުންނަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދިނުމަށެވެ. އަދި ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން މިހާތަނަށް މިމުބާރާތުގައި ދައްކާފައިވާ ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމުގައިވެސް އޭނާ ބުންޏެވެ.
އަފްޣާނިސްތާން ކުޅޭ ސެމީފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ޓްރިނިޑާޑްގައެވެ. އަދި މިމުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިންގްލަންޑް އާއި އިންޑިއާއެވެ.