އެއްވެސް އިންސާނަކީ އޭނާއާމެދު ތަގުދީރު ނިޔާކޮށްފައިވާ ގޮތުން މުޖުތަމައުން އެކަހެރި ކުރެވިގެންވާނެ މީހެއް ނޫން ކަމަށާއި، ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ އަދި އެންމެންނަށް ގަދަރުކުރާ މުޖުތަމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ބޭއްވި "ރިވެލި އެވޯޑް" ދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި އެކަމަނާ ވަނީ އެވޯޑި ހާސިލުކުރި އަށް ފަރާތަކަށް އެވޯޑު ހަވާލު ކޮށްދެއްވާފައެވެ.
އެއަށްފަހު އެވޯޑު ހާސިލުކުރެއްވި ފަރާތްތަކާ މުޚާތަބު ކުރައްވައި އެކަމަނާ ވަނީ އެ ބޭފުޅުންނަކީ، އާދަޔާ ޚިލާފު ކުޅެދުންތެރިކަމަކާއި ފަންނުވެރިކަމެއް ދައްކުވައިދިން، މުޖުތަމައުގެ ވަރަށް އަގުހުރި މޭސްތިރިންތަކެއް ކަމަށާއި، އެފަރާތްތަކާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މުޖުތަމައުގެ ނިޒާމުތައް ބައްޓަންވާން ވާނީ، ކުލުނާއި ކަމޭހިތުމަށް ދިރުންލިބި، އެންމެންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީންވާ ގޮތަށް ކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ފަރާތްތައް އެ ދައްކުވައިދެއްވަނީ އަޒުމާ ސާބިތުކަމުގެ މުހިންމުކަން ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
ރިވެލި އެވޯޑު 2026ގެ ތެރެއިން --- ފޮޓޯ: ހެލްތު މިނިސްޓްރީސާޖިދާ ވަނީ ކީރިތި ގުރްއާނުގެ ޢަބަސަ ސޫރަތުގައި ބަޔާންވެގެންވާ ހާދިސާއަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެކިއެކި އުނިކަން ހުންނަ ފަރާތްތަކުގެ އިހްސާސްތަކަށް އިހްތިރާމުކުރުމާއި، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަކީ އިސްލާމްދީން ބާރުއަޅާ، އަދި މާތް ﷲ ލޯބިވެ ވޮޑިގަންނަވާ ކަމެއްކަން އެ ހާދިސާއިން ސާފުވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު މާޒީގައި ތަފާތުކުރުންތައް ގެންގުޅެވިފައިވީ ނަމަވެސް، މިއަދު ދިވެހި މުޖުތަމަޢުގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އައިސް ހޭލުންތެރިކަން އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން މިފަދަ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، އެ ފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމަށް ދައުލަތުގެ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެގޮތުން އެފަރާތްތަކަށް އިލްމީ ހޭލުންތެރިކަމާއި ފަރުވާގެ ފުރުސަތުތައް ފަހިކޮށްދެއްވަމުން އަންނަކަމަށާ، އެފަރާތްތަކުގެ ކިބައިގައި ހުރި ހުނަރުތައް އާންމުކުރުމަށް ހިތްވަރުދީ، އެކަމަށް މަރުހަބާ ކިޔައި ޖަމައީ ގޮތެއްގައި ވާގިވެރިވަމުން އައިސްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ހަފުލާގައި 'ރިވެލި އެވޯޑު' ހާސިލުކުރެއްވި އަށް ބޭފުޅުންނާއި، އަދި 'ސްޕެޝަލް ރިކޮގްނިޝަން ޓޯކަން' ޙާސިލު ކުރެއްވި ފަރާތާއެކު ވަކިވަކިން ނެގި ދެ ފޮޓޯގައިވެސް އެކަމަނާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.