ނުކުޅެދުންތެރިކަން ހުންނަ މީހުން ހޯދާ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރުމަށާއި އެ މީހުންގެ ލާބައާއި މަންފާއަށްޓަކައި އެކި ފަރާތްތަކުން ކުރަމުން އަންނަ އަގުހުރި މަސައްކަތްތައް ބަލައިގަތުމުގެ ގޮތުން ސަރުކާރުން ދެއްވާ ޚާއްސަ އެވޯޑު، "ރިވެލި އެވޯޑު 2026"ގައި ނުވަ ފަރާތަކަށް މިރޭ އެވޯޑު ދީފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި އެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި، އެވޯޑު ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނާއި އެފަދަ ފަރާތްތަކަށް އިގްތިސޯދީ އަދި އިޖުތިމާއީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު" ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ގައުމީ ހަރަކާތެކެވެ.
ރިވެލި އެވޯޑު 2026ގެ ތެރެއިން --- ފޮޓޯ: ހެލްތު މިނިސްޓްރީމި އަހަރުގެ ރިވެލި އެވޯޑު ޖުމްލަ ހަ ދާއިރާއަކުން ދީފައިވާއިރު އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
- އެކި ރޮނގުތަކުން ރީތި ނަމާއި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދައިދީފައިވާ ފަރާތްތަކުގެ ދާއިރާ
- ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދޭ އަމިއްލަ ޖަމްޢިއްޔާތަކުގެ ދާއިރާ
- ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދޭ ފަރާތްތަކުގެ ދާއިރާ
ހެލްތު މިނިސްޓްރީއިން ވަނީ މި ދާއިރާތަކުން ޖުމްލަ 25 ފަރާތަކުން ނަން ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން މިއަހަރުގެ ރިވެލި އެވޯޑު ހާސިލުކުރި އަށް ފަރާތުގެ ތެރޭގައި ހިމެނެނީ:
- ޢަލީ ސަމީމް، ހދ. ކުރިނބި / ރިހިވެލި (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
- މުޙައްމަދު ނާހިލް ސަލާމް، ސ. މަރަދޫ / އަސްރުމާގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
- ޢާއިޝަތު ޝަފީޤު، ހ. ޝަފީޤުގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
- ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު، ށ. ބިލެތްފަހި / ހަވީރީނާޒް (އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
- އަމީނިއްޔާ ސްކޫލް (ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ)
- ފާޠިމަތު މުޙައްމަދު، ހދ. ކުޅުދުއްފުށި / އަލްފާ (ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ)
- ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާ)
- ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާ)
މީގެއިތުރުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރުމާ ގުޅިގެން، އެ ތާރީޚީ ކާމިޔާބީ ފާހަގަކޮށް، އަގުވަޒަންކުރުމުގެ ގޮތުން ށ. ކޮމަންޑޫ، އިސްމާޢީލް ރާހިލްއަށް މިނިސްޓްރީން ވަނީ ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.
މިނިސްޓްރީއިން ވަނީ މިފަދަ ގައުމީ ފެންވަރުގެ އިނާމުތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބުމުގެ އިތުރުން، މުޖުތަމައުގައި އެ ފަރާތްތައް ބާރުވެރިކުރުވައި، ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ބުނެފައެވެ.
މިނިސްޓްރީއިން ވަނީ މި އެވޯޑާއެކު ސަރުކާރުން ހާސިލުކުރަން އެދޭ ދުރުރާސްތާ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޑު އިތުރަށް އުފުލި، މުޖުތަމައުގައި އެފަދަ ފަރާތްތަކުގެ ހިއްސާއާއި ބައިވެރިވުން ފުޅާވެ، އެންމެން ޝާމިލުވާ އޯގާތެރި މާހައުލެއް ގާއިމުވެގެން ދިއުން ކަމަށެވެ.