ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި އެމެރިކާގެ އެހީގެ އިދާރާ، ޔޫއެސް އެއިޑާއި ރާއްޖޭގެ ގުޅުން ބަދަހިކުރަން މަޝްވަރާ ކުރައްވައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާއާ އިއްޔެ ވަނީ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލު ކުރެއްވުމާ ގުޅޭގޮތުން ޔޫއެސް އެއިޑްއިން ބުނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި، ތިމާވެށި ހިމާޔަތްކުރުމާއި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ޓަކައި، އެ އިދާރާގެ ބައިވެރިވުން އިތުރަށް ހަރުދަނާކުރުން ހިމެނޭ ކަމަށެވެ.
އަދި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތްތަކާއި، އޯޕަން ގަވާމަންޓް ޕާޓްނާޝިޕްގައި ބައިވެރިވުމަށް ޔޫއެސް އެއިޑާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ލޯކަލް ގަވާނަންސް މެދުވެރިކޮށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ތަސައްވުރާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގާބިލުކަން އިތުރުކުރުމަށް ޔޫއެސް އެއިޑްގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
މި މަޝްވަރާތައް މި ކުރެވުނީ ރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި މީހުން އެތެރެވުން މަނާ ކުރަން ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ނިންމަވާފައި ވަނިކޮށެވެ. ދިވެހި ސަރުކާރުގެ މި ނިންމުމާއެކު، އެމެރިކާގެ އެހީ ރާއްޖެއަށް ނުލިބޭ ގޮތް ހަދަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅަން ކޮންގްރެސްގެ ތިރީގޭގެ މެންބަރު ޖޯޝް ގޮޓްހައިމާ ވަނީ މަސައްކަތް ފަށައިފައެވެ.
އެމެރިކާގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް ކަމަށްވާ ގޮޓްހައިމާ 'ޕްރޮޓެކްޓިން އެލައިޑް ޓްރެވެލް ހިޔާ'ގެ ނަމުގައި ބިލު އެކުލަވާލައްވަނީ ރިޕަބްލިކަން ޕާޓީގެ މެންބަރުންތަކަކާ ވެސް ގުޅިގެންނެވެ.
އެމެރިކާގެ އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމެންޓް އެންޑް ދަ ސްޓޭޓް ޑިޕާޓްމެންޓްއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، 2019 އާއި މިދިޔަ އަހަރާ ދޭތެރޭ އެގައުމުން ރާއްޖެއަށް 36 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.