ކޮންމެ ރަށެއްގައި ފުލުހުން ތިބެންޖެހޭތޯ ވިސްނާލަންޖެހޭ: މިނިސްޓަރު

ހޯމް މިނިސްޓަރު އިހުސާން: މިނިސްޓަރު ވިދާޅުވީ ކޮންމެ ރަށެއްގައި ފުލުހުން ތިބެންޖެހޭތޯ ވިސްނާލަންޖެހޭ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ތިބެންޖެހޭތޯ ވިސްނާލަންޖެހޭ ކަމަށާއި އެ ކަމުގެ ސަބަބުން ފުލުހުންގެ ޚިދުމަތުގެ އަސަރުކުޑަވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ހުރިހާ ރަށެއްގައި ފުލުހުން ގާއިމުކުރުމުގެ ސިޔާސަތުގެ ތެރެއިން މިހާރު ފުލުހުންގެ ޚިދުމަތް ގާއިމުނުކުރަނީ 51 ރަށެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241 ކޮމިޓީ)ގައި ވާހަކަދައްކަވަމުން އިހުސާން މިއަދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މިހާރު ފުލުހުންގެ ޚިދުމަތް ގާއިމުނުކުރެވި އޮތް 51 ރަށުގައި ވެސް 2026 ވަނަ އަހަރު ނިމުމުގެ ކުރިން ފުލުހުންގެ ޚިދުމަތް ފެށުން ކަމަށެވެ.

އެކަމަކު، އެއީ އެންމެ ރަނގަޅު ގޮތްތޯ ވިސްނާލަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮންސިޑާކޮށްލަންޖެހޭ ކަމެއް މިއީ ހަމަ ދައުލަތުން ނަގާނެ ބާޑެންއެއްތޯ؟ އެއީ ކޮންމެ ރަށެއްގައި ފުލުސް ސްޓޭޝަނެއް ގާއިމުކުރުމަކީ އެތައް ބައިވަރު ޚަރަދުތަކެއް ކުރަންޖެހޭ ކަމެއް،" އިހުސާން ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން: އޭނާ ވިދާޅުވީ ކޮންމެ ރަށެއްގައި ފުލުހުން ތިބެންޖެހޭތޯ ވިސްނާލަންޖެހޭ ކަމަށް -- ފޮޓޯ/ ޕީއެސްއެމް

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ރިޕޯޓުކުރެވޭ ކުށްތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮންމެ ރަށެއްގައި ފުލުހުން ގާއިމުވެ ތިބުމަށް ވުރެ ކައިރި އޮތް ރަށަކުން އެ ޚިދުމަތް ފޯރުކޮށްދިނީމާ ދައުލަތަށް ބުރަ ކުޑަވާނެ ކަމަށެވެ.

"އެހެންނޫން، ފިޒިކަލީ ކޮންމެ ރަށެއްގައި ޑިޕްލޯއީކޮށްގެން ކުރުމަކީ ކްރައިމް ޕްރިވެންޝަންއަށާއި ކަންކަމަށް ފަސޭހައިން މަގުފަހިކޮށްދޭ ކަމެއް. އަދި، ފުލުހުންގެ ޚިދުމަތް ކައިރިން ދެވޭ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ބެލެންސެއް އަޅުގަނޑުމެން ހޯދަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން،"

މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ ޚިދުމަތް ފުޅާކުރާ ވަރަކަށް އަދަދުތަކަށް ބަދަލު ނާންނަ ނަމަ، ޚިދުމަތުގެ އަސަރު ދުވަހެއް ދުވަހަކަށް ކުޑަވާނެ ކަމަށެވެ. އަދި، "ޚިދުމަތް ދެމޭ ކިޔާފައި ރަށެއްގައި ދެ ފުލުހުން، އެ ފުލުހަކު ބަހައްޓައިގެން" ޚިދުމަތް ދިނީމާ އެ ކަމުގެ އަސަރުކުޑަވާނެކަން އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

"ބައެއް ރަށްރަށަކީ ކްރައިމް ސްޓެޓިސްޓިކްސްއަށް ބަލާއިރުގައި އަހަރެއް ތެރޭގައި 15 ކުށް ރިޕޯޓުކުރެވިފައިނުވާ ރަށްރަށް. އެ 15 ކުށުގެ ތެރެއިން 13 ކުށަކީ ގަހުން އަނބު ބިނުމާއި ވަގަށް ކާށި އެހުމާ މި ކަހަލަ ކަންކަން،" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ ރަށެއްގައި ފުލުހުން ގާއިމުވެ ތިބެންޖެހޭތޯ ނޫންތޯ ނިންމަންޖެހޭ ކަމަށެވެ.

އެކަމަކު، މިހާރު ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ގާއިމުނުކުރެވި އޮތް 51 ރަށުގައި އެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް