ދަނޑުވެރިންނަށް މާލީ އެހީ ދިނުމަށް، 'ދަނޑުވެރި މަންފާ' ޕްރޮގްރާމް އިފުތިތާހުކޮށްފި

"ދަނޑުވެރި މަންފާ" ޕްރޮގްރާމް އިފުތިތާހް ކުރުން: އެއީ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމަށް ވަޒީރު ވިދާޅުވި -- ފޮޓޯ/ އެގްރިކަލްޗާ މިނިސްޓްރީ

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް "ދަނޑުވެރި މަންފާ" ޕްރޮގްރާމް އިފުތިތާހުކޮށްފިއެވެ.

އެ ޕްރޮގްރާމް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވީ އެ ޕްރޮގްރާމަކީ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ ދަނޑުވެރިން ކުރާ މަސައްކަތަކީ ރާއްޖޭގެ ތަރައްގީ ރަމްޒުކޮށްދޭ މަސައްކަތަކަށް ވުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ. އެކަން ކުރުމަށްޓަކައި ދަނޑުވެރީންނަށް ބޭނުންވާ ކަންތައްތަކަކީ ތަމްރީނާއި ރަނގަޅު ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ އާއި ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރަމީލާ ވިދާޅުވީ ދަނޑުވެރި މަންފާ ޕްރޮގްރާމްގެ ދަށުން މި ހުރިހާ ކަމެއް ފަހިވާނެ ކަމަށެވެ.

"ދަނޑުވެރި މަންފާ" ޕްރޮގްރާމް އިފުތިތާހް ކުރުން: އެއީ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމަށް ވަޒީރު ވިދާޅުވި -- ފޮޓޯ/ އެގްރިކަލްޗާ މިނިސްޓްރީ

އޭނާ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ފައިސާ ދޫކުރާނީ ގްރީން ހައުސް އަޅައިގެން ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރުމަށް ކަމަށާއި ދެވަނަ ފިޔަވަހީގައި ފައިސާ ދޫކުރާނީ ވެލިއު އެޑެޑް ޕްރޮޑަކްޓްސްއަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ޕްރޮގްރާމް ފެށުމުގެ ކުރިން، ތިން އަތޮޅެއްގެ 26 ރަށެއްގައި މިކަމާ ބެހޭ ތަމްރީނުތައް ދީ، 12 ރަށެއްގައި ގްރީންހައުސް އަޅައި އޭގެ ނަފާާ މިހާރު ވެސް ހޯދަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ދަނޑުވެރި މަންފާ ޕްރޮގްރާމްގެ ދަށުން ހިލޭ އެހީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ޖުމްލަ ފައިސާގެ އަދަދަކީ 15.1 މިލިއަން ރުފިޔާއެވެ. މި ޕްރޮގްރާމް، މި ފައިސާ ހުސްވަންދެން ކުރިއަށްގެންދާނެއެވެ.

"މިފަދަ ބޮޑު ގްރާންޓެއް 15.1 މިލިއަން ރުފިޔާ އަކީ ކުޑައެއްޗެއް ނޫން،" ވަޒީރު ވިދާޅުވިއެވެ.

ރަމީލާ ވިދާޅުވީ ދަނޑުވެރިކަން ރަނގަޅު ގޮތުގައި ކޮށްގެން މަންފާ ލިބޭނެކަން ސާބިތު ވެފައި އެބަހުރި ކަމަށާއި އެހެންވެ، މި ދާއިރާ އިތުރަށް ތަރައްގީ ކޮށްގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ސަރުކާރާއި ވުޒާރާގެ މަގްސަދަކީ ދަނޑުވެރިކަން ތަރައްގީ ކުރުމާއި ދަނޑުވެރިން ތަރައްގީކުރުމާއި ދަނޑުވެރިކަމުން ލިބޭ ކާނާގެ ބާވަތްތަކަކީ ރައްކާތެރި ކާނާގެ ގޮތުގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް