ށ. އަތޮޅު ކައުންސިލްގެ ޚަރަދުގައި އެއަތޮޅު ގޮއިދޫގައި ގްރީން ހައުސް ފާމްތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ އަތޮޅު ކައުންސިލާ ހަވާލައިދީ 'ސަރުކާރު' ވެބްސައިޓުގައިވާ ލިޔުމެއްގައި ވަނީ މިއީ އެ އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ތައާރަފުކޮށް، ރައްޔިތުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ގޮއިދޫގައި 1،000 އަކަފޫޓުގެ ދެ އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރާއިރު، މިއީ އަތޮޅު ކައުންސިލުން 450,120 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ޕްރައިމް ފާޓިލައިޒާސް މޯލްޑިވްސްއާއެވެ.
އޭގެއިތުރުން، މި މަޝްރޫއުގެ ދަށުން އަޅާ ފާމްތައް ހިންގައި ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރާނީ ގޮއިދޫ ކައުންސިލާ ކަމަށް އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.

ށ. ގޮއިދޫ: އެ އަތޮޅު ކައުންސިލްގެ ޚަރަދުގައި ގޮއިދޫގައި ވަނީ ގްރީންހައުސް ފާމްތަކެއް އެޅުމުގެ މަސައްކަތް ފަށާފައި --- ފޮޓޯ/ ޒުވާން މަސްވެރިޔާ
ށ، އަތޮޅު ކައުންސިލުން ބުނީ، މި މަޝްރޫއުގެ ކާމިޔާބީއަށް ބަލައި، މިފަދަ އިތުރު މަޝްރޫއުތައް އެ އަތޮޅުގެ އެހެން ރަށްރަށުގައި ވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.
މި މަޝްރޫއާ ގުޅުވައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނީ، މިކަމުގެ ސަބަބުން ށ. އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ކުރިއަރައި، ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިނިސްޓްރީގެ އަމާޒަކީ ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެ، ބޭރު ޤައުމުތަކުގެ ކާނާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި ރައްކާތެރި ކާބޯތަކެތި ރާއްޖޭގެ ދަނޑުތަކުން ލިބުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން، މި އަމާޒަށް ވާސިލްވުމަށް ފަރުދީ ގޮތުންނާއި ޖަމިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން މިފަދަ މަޝްރޫއުތައް ހިންގުމަކީ މިނިސްޓްރީން ނުހަނު ބަލައިގަންނަ، އަދި ހިތްވަރުދޭ ކަންކަން ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.