މަސްވެރިން އަތުން ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ގަންނަ މަހަށް ފައިސާ ނުދީ ގިނަ ދުވަސްވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ސަރުކާރުގެ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި އެ ފައިސާ ދޫކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިފްކޯއިން މަސްވެރިންނަށް ފައިސާ ނުދީ ގިނަ ދުވަސްވެ، މަސްވެރިން އަންނަނީ ހުކުރު ދުވަހުން ފެށިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގައި އިހުތިޖާޖުކުރަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ ފަރާތުން މަސްވެރިންގެ ކަންބޮޑުވުންތައް ފާހަގަކޮށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ވެސް ވޯޓާ އެކު ޖުމުލަ 74 ވޯޓުން އެ މައްސަލަ ވަނީ މަޖިލީހުގެ ތަޅުމަށް ބަލައިގެންފައެވެ.
އަހުމަދު ދީދީ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރާނެ ކަމަށް ސަރުކާރުން ވައުދުވި ނަމަވެސް އެކަން އެގޮތަށް ނުވުމުގެ ސަބަބުން މަސްވެރި އާއިލާތައް އުޅެމުން އަންނަނީ ވަރަށް ހާލުގައި ކަމަށެވެ.
ކުއްލި މައްސަލައިގައިވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ހަމަޖައްސަން ސަރުކާރަށް ގޮވާލައިފައެވެ.
މީގެ އިތުރުން، މަސްވެރިން މިހާރު އައްޑޫ ސިޓީގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްގައި ކުރަމުން އަންނަ އިހުތިޖާޖަށް އެއްވެސް ހުރަހެއް ނޭޅުމަށް ވެސް ވަނީ ގޮވާލައިފައެވެ. އަދި، މަސްވެރިންނަށް ފައިސާ ދޫކުރަން ލަސްވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަންޖެހޭކަން ވެސް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
"މިދިޔަ ހުކުރު ދުވަހުން ފެށިގެން އައްޑޫގެ 90 ޕަސެންޓު ގާތްގަނޑަކަށް 400 އެއްހާ އާއިލާއަށް ނިސްބަތްވާ މަސްވެރިން އިހުތިޖާޖުކޮށް ވައުދު ފުއްދުމަށް ގޮވާލަމުންދޭ،" މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވިއެވެ.
މަސްވެރިންނަށް ނުދެވި ހުރި 90 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ޢީދު ބަންދުގެ ކުރިން ދޫކުރިއިރު، މިހާރު ނުދެވި ހުރި ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ސަރުކާރުން މި ހަފުތާގައި ވެސް އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދޫކުރުން ކަމުގައި ވިދާޅުވެފައެވެ. އެކަމަކު، އެ ފައިސާ ދޫކުރެވޭނެ ސީދާ ތާރީޚެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ގޮތުގައި މަސްވެރިންނަށްވީ ވައުދުތައް ފުއްދޭނީ އިގުތިސާދީ ހާލަތު ރަނގަޅުވުމުންނެވެ.