ފުލުހުންގެ އެހީތެރިކަމާއެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)އަށް ކަރަންޓު ދީފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ބުނެފިއެވެ.
މަސްވެރީން ގޮސް އޭއެފްސީން ކަރަންޓު ކަނޑާލައި، އެ ތަނުގެ މަސައްކަތް ހުއްޓުވީ މަސްވެރީންނަށް ދޭންޖެހޭ ފައިސާ ދޫނުކޮށް ލަސްވުމުގެ ސަބަބުން މިދިޔަ ހުކުރު ދުވަހު ފެށި އިހުތިޖާޖުގެ ތެރެއިންނެވެ.
މިއަދު މެންދުރު ފަހު އޭއެފްސީގެ އޮޕަރޭޝަން ފެށުމަށް، އެ ތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިފްކޯއިން އޮތީ ބުނެފައެވެ. އެ މަސައްކަތުގައި ފުލުހުންގެ އެހީތެރިކަން ބޭނުންވާތީ، މިފްކޯއިން ފުލުހުންނާ އެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބޭއްވިއެވެ.
މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަމުން މިފްކޯގެ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު ފަހު ގާތްގަނޑަކަށް 14:30 އެހާކަންހާއިރު، އޭއެފްސީއަށް ކަރަންޓު ދޫކޮށްފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އޭއެފްސީގެ އޮޕަރޭޝަން އަދި ނުފަށާ ކަމަށާއި، ކަރަންޓު ދީފައި މިވަގުތަށް ހުރީ ކަމަށެވެ.
އޭނާ ވިދާޅުވީ މަސްވެރީން ވެސް މިހާރު ތިބީ ތަންކޮޅެއް ހަމަޖެހިފައި ކަމަށާއި، އެ ސައިޓުގެ އާންމު ހާލަތު ވެސް ރަނގަޅު ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ސަރަހައްދުގައި ފުލުހުން ޑިއުޓީ ކުރަމުން ގެންދާ ކަމަށެވެ.
މި ކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ފުލުހުން މެދުވެރިވެގެން އޭއެފްސީއަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ 14:40އިން ފެށިގެން އޭއެފްސީގެ އެކޮމަޑޭޝަނާއި، އެޑްމިން އިމާރާތާއި، މިސްކިތުގެ އިތުރުން ކެފެޓީރިއާއިން ކަރަންޓު ކަނޑައިލައި ސިސްޓަމް ޝަޓްޑައުން ކޮށްފައިވާ ކަމަށް މިފްކޯއިން މީގެ ކުރިން ވަނީ ބުނެފައެވެ.
އެއާ އެކު އެ ތަނުގައި ބިދޭސީ މުވައްޒަފުންނާ އެކު ޖުމްލަ 100 މުވައްޒަފުން ތިބިއިރު، އެ މީހުންގެ ޒަރޫރީ ކަންކަމަށް ވެސް ހުރަސް އެޅުނެވެ.
އޭގެ ފަހުން އޭއެފްސީ ސައިޓަށް ކަރަންޓު ދިނުމަށްފަހު، އިހުތިޖާޖަށް އެއްވެފައިވާ މީހުންގެ އަމަލުތައް ހުރި ގޮތުން އަނެއްކާ ކަރަންޓު ކަނޑާލާފައިވާ ކަމަށް ފުލުހުން އިއްޔެ ބުނެފައިވެއެވެ.
ޢީދު ބަންދާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި 90 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެ ފައިސާ ވެސް ދޫކޮށްފައިވަނީ މަސްވެރިން މާލޭގައި އިހުތިޖާޖުކުރި ފަހުންނެވެ.