ސިނަމާގައި މިހާރު ވެސް ދައްކަމުން އަންނަ ޑިޒްނީގެ އެނިމޭޓެޑް ފިލްމު "އިންސައިޑް އައުޓް"ގެ ދެވަނަ ބަޔަކީ މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެއްޖެއެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކަށް މާލީ އެހީ ދޭ ކުންފުނިތަކުގެ ތެރޭގައި ޑިޒްނީ އޮތުމާ ގުޅިގެން ޑިޒްނީގެ އުފެއްދުންތައް ބޮއިކޮޓުކުރުމަށް ގޮވާލާފައިވަނިކޮށް މި ފިލްމު ނެރުނީ މި މަހުގެ މެދުތެރޭގައެވެ. ފިލްމު އަންނަނީ ބޮކްސް އޮފީހުގައި އެކި ރިކޯޑުތައް މުގުރަމުންނެވެ.
އެންމެ ފުރަތަމަ ފިލްމު ރިލީޒްކުރުމާ އެކު ފިލްމު އެޅުވި ހަފުތާ ބަންދުގައި ވެސް ފިލްމު ވަނީ މި އަހަރުގެ އެންމެ ބޮޑު އޯޕެނިން ރިކޯޑު ހޯދާފައެވެ. އޭގެ އިތުރުން އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެޅުވި އެންމެ ބޮޑު އޯޕެނިންއަށް ވެސް އިންސައިޑް އައުޓް ވަނީ ވެފައެވެ.
މިހާރު މި އޮތީ މުޅި އަހަރުގެ އެންމެ ކާމިޔާބު ފިލްމަށް މި ފިލްމު ވެފައެވެ. ފިލްމަށް މިހާތަނަށް ވަނީ ޖުމްލަ 724 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މި ފިލްމު މިހާ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ އެންމެ ދެ ހަފުުތާގެ ތެރޭގައެވެ. އަދި، ލަފާ ކުރެވޭ ގޮތުގައި އިންސައިޑް "އައުޓް2" ވެގެންދާނީ މި އަހަރު އެއް ބިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ހަމައެކަނި ފިލްމަށެވެ.
މި އަހަރުގެ ފަހުކޮޅު ވެސް ބޮޑެތި ފިލްމުތައް އަޅުވަން ރާވާފައި އެބަހުއްޓެވެ. ނަމަވެސް، ސިނަމާތަކަށްދާ މީހުންގެ އަދަދު މަދުވެފައިވާތީ އެ ވަރު އާމްދަނީއެއް މި އަހަރު އެހެން ފިލްމަކަށް ލިބޭނެ ކަމަކަށް ނުފެނެއެވެ.
ފިލްމަށް ބޮޑު އާމްދަނީއެއް ލިބޭއިރު ވެސް އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފިލްމު ބޮއިކޮޓްކުރުމަށް ގޮވާލަމުންނެވެ.