ހޮލީވުޑްގެ ބޮޑެތި ތަރީން އެކްޓިން އިން ދުރުވެ ތަފާތު މަސައްކަތް ކުރާ ވާހަކަ ދޭތެރެއަކުން އިވޭނެއެވެ. އެއްބައި މީހުން ތަފާތު އެއްޗެހި ކިޔަވައި ސެޓްފިކެޓުތައް ހޯދައެވެ. މިފަހަރު މިއޮތީ ގިނަ ދުވަސްވަންދެއް މަގުބޫލުކަން ހޯދާފައިވާ ތަރި ޖޯޖް ކްލޫނީގެ ވާހަކައެވެ. ކްލޫނީ މިކުރަނީ ތަފާތު ކަމެކެވެ. ކްލޫނީ އުޅެނީ ޓްރެކްޓަރު ދުއްވައި ދަނޑުވެރިކަން ކުރާށެވެ.
ދާދިފަހުން ނިއުޔޯކް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި، 63 އަހަރުގެ ކްލޫނީ ވަނީ އޭނާގެ އާންމު ދިރިއުޅުމުގެ ވާހަކަ ހިއްސާ ކޮށްފައެވެ.
ކްލޫނީ ކިޔައިދިން ގޮތުގައި އޭނާގެ ދިރިއުޅުމުގެ ބޮޑު ބައެއް މިހާރު ހޭދަކުރަނީ ފިލްމީ ދާއިރާއިން ކޮންމެވެސް ވަރަކަށް ދުރަށް ޖެހިލައިގެންނެވެ. އަދި އިތުރު ވަގުތު ލިބޭތީ އެ ވަގުތު ހޭދަ ކުރަނީ އޭނާގެ އަންހެނުން އަމާލް ކްލޫނީ އާއި ދަރިން އެލެގްޒެންޑްރާ އާއި އެލެކްސް އާއެކުގައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އިނގިރޭސިވިލާތުގައި މީގެ ކުރީން ދިރިއުޅެމުން ދިޔަ ނަމަވެސް މިހާރު ދިރިއުޅެމުންދަނީ ފްރާންސްގައި ހުންނަ ފާމްހައުސް އެއްގައި ކަމަށް އޭނާ ބުނެފައިވެއެވެ.
ކްލޫނީ އިތުރަށް ބުނެފައިވަނީ އޭނާ އުޅެބޮޑުވީ ޓްރެކްޓަރު ދުއްވައި ދަނޑުވެރިކަން ކުރާ ގެއެއްގައި އުޅެމުން ކަމަށެވެ. ބޮޑުވަމުން އައި އިރު އޭނާ ބޭނުންވީ އެކަންތައްތަކުން ދުރަށް ދާން ކަމަށްވެސް އޭނާ ބުނެއެވެ. ނަމަވެސް ދުވަސްވާ ވަރަކަށް އެކަމަށް އޮތް ލޯބި އަލުން ބޮޑުވަމުން އަންނަ ކަމަށް ކްލޫނީ ކިޔައިދިނެވެ.
ދަނޑެއްގައި އުޅެމުން އާދައިގެ ދިރިއުޅުމަކުން މިވަގުތު ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ކަމަށް އޭނާ ބުނެއެވެ. މިއީ މިވަގުތު ކުރަން ބޭނުންވާ ކަންތަކަށް ވާއިރު މިއީ ކެމެރާއިން ދުރުން އޭނާގެ ހަށްޓަށްވެސް ލުއި ދިރިއުޅުމެއް ކަމުގައި އޭނާ ބުނެއެވެ.
ޓްރެކްޓަރު ދުއްވައި އޭނާގެ ދަނޑު ބަލަހައްޓައި ދަނޑުން ލިބޭ އެއްޗެހިން ކައިބޮއި ހަދާ ކަމަށް ކްލޫނީ ބުންޏެވެ. މިކަމުން ލިބޭ ހިތްހަމަޖެހުން ބަޔާންކޮށްދޭން އުނދަގޫ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ. ދަނޑުގައި މިދުވަސްކޮޅު އުޅުނު ނަމަވެސް މިއީ އޭނާގެ އެކްޓިން ދިރިއުޅުމުން އެއްކޮށް އަލްވަދާއު ކިޔާ ކަމުގެ ސިގުނަލެއް ނޫން ކަމުގައި އޭނާ ބުނެއެވެ.
ކްލޫނީގެ ފިލްމެއް ކަމަށްވާ "ޖޭ ކެލީ" މިއަހަރު ދައްކަން ހަމަޖެހިފައިވާއިރު "ވާވުލްފް"ގެ ނަމުގައި އަންނަ އަހަރު ނެރޭ ފިލްމަކަށް އޭނާ ވަނީ އަޑުއަޅާފައެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ 2023 ވަނަ އަހަރުގެ "ދަ ފްލޭޝް" ފިލްމުންނެވެ.