ފުވައްމުލަކުން ގެއްލުނު އިޔާޝްއާ ގުޅިއްޖެ؛ ހާލު ރަނގަޅު

ފުވައްމުލަކު ސިޓީ: އެ ސިޓީން ގެއްލިގެން ހޯދި ޒުވާނަކާ އާއިލާއާ ގުޅިފައިވާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ/ ފުވައްމުލައް އެއާޕޯޓު؛ ފޭސްބުކް

މީގެ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ކުރި ފުވައްމުލަކު ސިޓީން ގެއްލިގެން ހޯދަމުން އައި އަޙްމަދު ޢިޔާޝް ވަސީމްއާ އާއިލާއާ ގުޅިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުުލުހުން ބުނެފިއެވެ.

ފުވައްމުލަކު، ދިގުވާގަނޑު/ އެފްރޯ، 24 އަހަރުގެ ޢިޔާޝް ގެއްލިގެން ހޯދާކަން ފުލުހުން އިއުލާނުކުރީ މިދިޔަ ހުކުރު ދުވަހުއެވެ.

މިރޭ ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިޔާޝް އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ބުނެފައިވާ ކަމަށް، އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޒުވާނުންނާއި ކުޑަކުދިންތަކެއް ގެއްލިގެން ހޯދަން އިއުލާންކޮށްފައިއެވެ.

މިއަދު މެންދުރުފަހު މާލެއިން ގެއްލިގެން ހޯދަން އިއުލާންކުރި 18 އަހަރުގެ ޒުވާނެއް، އިއުލާން ކުރިތާ މާގިނައިރެއް ނުވެ ފެނިފައިވެއެވެ.

އޭގެ އިތުރުން ފާއިތުވި ދުވަސްތަކުގައި މާލެއިން 14 އަހަރުގެ އަންހެން ކުއްޖަކާއި ފިޔޯރީން އަށް އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވެއެވެ.

އޭގެ ތެރެއިން ދެ އަންހެން ކުދިން ގެއްލުނުކަން އިއުލާންކުރިތާ މާގިނައިރެއް ނުވެ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފިޔޯރީގައި ގެއްލިގެން ހޯދަނިކޮން ފެނުނު ކުއްޖާގެ ހާލު ދެނެގަތުމަށް ޓެސްޓުތަކެއް ހަދައިފައިވާއިރު، އެ ޓެސްޓުތަކުން ގޯހެއް ފާހަގަނުވާކަމަށާއި ކުއްޖާގެ ހާލު ރަނގަޅުކަމަށް "ސަން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

comment ކޮމެންޓް