ހޯދަން އިއުލާންކުރިތާ މާގިނައިރެއް ނުވެ، ގެއްލުނު ޒުވާނާ ފެނިއްޖެ

މާލެ ސިޓީ މަތިން: މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނަކު ވަނީ ފެނިފައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

މާލެއިން ގެއްލިގެން ހޯދަން މިއަދު މެންދުރުފަހު އިއުލާންކުރި 18 އަހަރުގެ ޒުވާނާ ފެނިއްޖެއެވެ.

ފުލުހުން މިއަދު 14:29ގައި އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން ގެއްލިގެން ހޯދަނީ ހ. ބްލޫސްކޫޕް ޙުސައިން ޒިހާނެވެ.

އެ ޕޯސްޓުގައިވާ ގޮތުން ޒިހާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.

އޭގެ ފަހުން 18:33ގައި ފުލުހުން ކުރި ޕޯސްޓެއްގައި ވަނީ އޭނާ މާލެއިން ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ބުނެފައެވެ. ނަމަވެސް ޒިހާން ފެނުނު ގޮތާ ގުޅޭ ގޮތުން އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފާއިތުވި ހަ ދުވަހުގެ ތެރޭގައި ދެ އަންހެން ކުއްޖަކާއި ފިރިހެނަކު ގެއްލިގެން ހޯދަން އިއުލާންކޮށްފައިވެއެވެ. އެއީ މާލެއިން 14 އަހަރުގެ އަންހެން ކުއްޖަކާއި ފުވައްމުލައް ސިޓީގެ 24 އަހަރުގެ ޒުވާނަކާއި ފިޔޯރީން އުމުރުން އެންމެ އަށް އަހަރުގެ އަންހެން ކުއްޖެކެވެ.

އޭގެ ތެރެއިން ދެ އަންހެން ކުދިން ގެއްލުނުކަން އިއުލާންކުރިތާ މާގިނައިރެއް ނުވެ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ފުވައްމުލަކުން ގެއްލުނު ދިގުވާގަނޑު/ އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް ފެނުނު ކަމަށް މިހާތަނަށް ބުނެފައިނުވެއެވެ.

https://sun.mv/193499

ފިޔޯރީގައި ގެއްލިގެން ހޯދަނިކޮން ފެނުނު ކުއްޖާގެ ހާލު ދެނެގަތުމަށް ޓެސްޓުތަކެއް ހަދައިފައިވާއިރު، އެ ޓެސްޓުތަކުން ގޯހެއް ފާހަގަނުވާކަމަށާއި ކުއްޖާގެ ހާލު ރަނގަޅުކަމަށް "ސަން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

comment ކޮމެންޓް