ބޮއިންއަށް ޖިނާއީ ދައުވާ ކުރަން އެމެރިކާގެ ޕްރޮސެކިއުޓަރުން ލަފާދީފި

ބޮއިން އިން އުފެއްދި ދެ މަތިންދާ ބޯޓެއް 2018 އަދި 2019 ގައި ވެއްޓުނު ހާދިސާއާ ގުޅިގެން ބޮއިންގްގެ ސަލާމަތީ ރެކޯޑުތަކަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ބަލަކުން. ފޮޓޯ/ބީބީސީ

މަތިންދާ ބޯޓު އުފައްދާ އެމެރިކާގެ ބޮއިން ކުންފުނީގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން އެމެރިކާގެ ޕްރޮސެކިއުޓަރުން ލަފާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރޮސެކިއުޓަރުންގެ އެ ލަފައާ ގުޅިގެން ބޮއިންއަށް ދައުވާ ކުރުމާމެދު އަންނަ ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ގޮތެއް ނިންމަން ޖެހެއެވެ.

ބޮއިންގެ މައްޗަށް ދައުވާ ކުރަނީ އެ ކުންފުނިން އުފެއްދި މަތިންދާ ބޯޓެއް 2018 އަދި 2019 ގައި ވެއްޓުނު ހާދިސާއާ ގުޅިގެން 2021 ގައި ހެދި ސެޓްލްމަންޓް އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.

އެ އެއްބަސްވުމުގެ ދަށުން ބޮއިން ކުންފުނިން ކޮމްޕްލައިންސް ޕްރެކްޓިސްތައް އޯވަހޯލްކޮށް ގަވާއިދުން ރިޕޯޓްތައް ހުށަހަޅަން ބޮއިންގުން ވަނީ އެއްބަސްވެފައެވެ. އަދި ބޮއިންގެ މައްޗަށް އެ ހާދިސާއާ ގުޅިގެން ދައުވާ ނުކުރަން ނިންމީ 2.5 ބިލިއަން ޑޮލަރު ދައްކަން އެއްބަސްވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ބޮއިން އިން މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ.

ނަމަވެސް އެ ސެޓްލްމަންޓު އެއްބަސްވުމާ ހިލާފުވު ނުވާ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓަށް ބޮއިންއިން އަންގައިފައިވާ ކަމަށް ރޮއިޓާސްއިން މި މަހު ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ ހަފުތާގައި ވެއްޓުނު ދެ ބޯޓުގައި ތިބި މީހުންގެ އާއިލާތަކުން ވަނީ ބޮއިން އަތުން ބަދަލުގެ ގޮތުގައި 25 ބިލިއަން ޑޮލަރު ހޯދުމާއެކު ޖިނާއީ ދައުވާ އުފުލަން އެދިފައެވެ.

comment ކޮމެންޓް