އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް

މާޗް 1، 2021: ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުުން ދައްކައިފިއެވެ.

އެ ވުޒާރާއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް 100،677 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. ރަޝިއާއަކީ މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.

މި އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ރާއްގެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަނީ ޗައިނާއިންނެވެ.

ޗައިނާއިން ވަނީ އަހަރުގެ މިހާތަނަށް 113،702 ފަތުރުވެރިން ރާޢްޖެ ޒިޔާރަތް ކޮށްފައެވެ. އަދި މި ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސި ވިލާތުން ވަނީ 91،032 ފަތުރުވެރިން ރާއްޖެއަށް އައިސްފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 980،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

އަދި މި މަހުގެ މިހާތަނަށް 88،000 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

ރާއްޖެއަށް ނިމިދިޔަ އަހަރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާ އޮތީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓިގެ ހަ ވަނައިގައެވެ.

އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވރިންގެ އަދަދު ކުރިއާ އަޅާބަލާއިރު ބޮޑުތަނުން މަދުވެފައިވާއިރު މި އަދަދު އިތުރު ކުރުމަށާއި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ރަނގަޅުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް