ޖަރުމަނާއެކު ސްވިޒަލެންޑު ވެސް ދެވަނަ ބުރަށް

ޔޫރޯ 2024 ގެ ގްރޫޕް އޭގެ ފަހު މެޗުތަކާއެކު މުބާރާތުގެ ދެވަނަ ބުރަށް ސްވިޒަލެންޑު ވެސް ދަތުރުކޮށްފިއެވެ.

ފްރެންކްފާޓް އެރީނާގައި ރޭ ޖަރުމަނާއި ސްވިޒަލެންޑް ކުޅުނު "ގްރޫޕު އޭ" ގެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ހަމަ އެ ވަގުތު އެ ގްރޫޕުގައި ސްކޮޓްލެންޑް އަތުން 1-0 ގެ ނަތީޖާއަކުން ހަންގޭރީ ވަނީ މޮޅުވެފައެވެ.

ހަންގޭރީ މޮޅުވެފައިވުމުން ގްރޫޕް އޭ އިން ސްވިޒަލެންޑަށް ވަނީ ގްރޫޕުގެ ދެވަނަ މަގާމު ލިބިފައެވެ. ގްރޫޕުގެ އެއްވަނަ މަގާމާއެކު ދެވަނަ ބުރަށް ދަތުރުކުރީ ޖަރުމަނެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާއެކު އެވެ.

ގްރޫޕް އޭގެ ދެވަނަ ސްވިޒަލެންޑަށް ލިބުނީ ފަސް ޕޮއިންޓާއެކު އެވެ. ތިންވަނަ ހޯދި ހަންގޭރީއަށް ލިބުނީ ސްކޮޓްލެންޑު ބަލިކޮށް ލިބުނު ތިން ޕޮއިންޓެވެ. އަދި ސްކޮޓްލެންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

"ގްރޫޕު އޭ" ގެ އެމެޗަށް ނުކުތް އިރު، ޖަރުމަނަށް އޮތީ ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައެވެ. އެޓީމަށް ސްވިޒަލެންޑް އަތުން ޕޮއިންޓެއް ހޯދިޔަސް، ގްރޫޕުގެ އެއްވަނަ ޔަގީންކުރެވެން އޮތެވެ.

މެޗުގެ ކުރީކޮޅުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ޖަރުމަނުން އުފެއްދިއިރު ކައި ހަވާޓްޒްގެ ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އަދި ޖަރުމަން މެޗުގެ 17 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ދިން ބޯޅަ ޕެނަލްޓީ އޭރިއާ ބޭރުން ރޮބާޓް އެންޑްރިޝް ސްވިޒަލެންޑްގެ ގޯލުތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް ވީއޭއާރުން އެ ލަނޑު ބަލައެއް ނުގަތެވެ. އެެއީ އޭގެ ކުރިން ޕެނަލްޓީ އޭރިއާ ތެރެއިން ޖަރުމަން ފޯވަޑް ޖަމާލް މުސިއާލާ ފައުލްކޮށްފައިވުމުންނެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދާފައެވެ. ރެމޯ ފްރޮއިލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑޭން އެންޑޯޔޭއެވެ.

ޖަރުމަނުން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ޑޭވިޑް ރާމް ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނިކްލަސް ފުލްކްރުގްއެވެ. މިއީ މި ޔޫރޯގައި އޭނާގެ ދެވަނަ ލަނޑެވެ.

comment ކޮމެންޓް