ރަހީނުން މިނިވަންކުރުމަށް އެއްބަސް ވެވިދާނެ، ހަނގުރާމަ ހުއްޓައެއްނުލެވޭނެ: ނަތަންޔާހޫ

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. ފޮޓޯ/އަލް ޖަޒީރާ

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް މަގުފަހިވާނެ ފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިދާނެ ކަމަށާއި ނަމަވެސް ހަނގުރާމަ މުޅިން ހުއްޓައިނުލާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫ އެގޮތަށް ވިދާޅުވީ އިސްރާއީލުގެ ނޫހެއް ކަމަށްވާ ޗެނަލް 14 އަށް ދެއްވި އިންޓަވިއުއެއްގައެވެ. އެއީ ހަނގުރާމަ ފެށިފަހުން އިސްރާއީލުގެ މީޑިއާއަކަށް ނަތަންޔާހޫ ދެއްވި ފުރަތަމަ އިންޓަވިއުއެވެ.

ނަތަންޔާހޫ އެގޮތަށް ވިދާޅުވިއިރު، ސަރުކާރާ ދެކޮޅަށް އިސްރާއީލުގެ އެތައް ހާސް ބަޔަކު އަންނަނީ ތަކުރާރުކޮށް އެއްވަމުންނެވެ. އެ މީހުން ގޮވާލަނީ އިސްރާއީލުގެ އިންތިހާބު އަވަސްކޮށް އަސީރުން މިނިވަން ކުރުމަށް އެއްބަސްވުމަށެވެ.

މިދިޔަ މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ހުށަހެޅުމެއް އިއުލާންކޮށްފައިވާއިރު، ހަނގުރާމަ ހުއްޓާލުމުގެ އިތުރުން ޣައްޒާގައި ތިބި އިސްރާއީލުގެ ބައެއް އަސީރުންނާއި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީން ދޫކޮށްލާނެ ކަމަށް ހުށަހެޅުމުގައި ބުނެފައިވެއެވެ. އޭގެ ސަބަބުން ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާތައް ކުރެވޭނެ ކަމަށްވެސް އެމެރިކާއިން އޭރު ބުނެފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން އެންމެ ވަރުގަދަޔަށް ހަމަލާދިން ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހްއަށް ދެމުންގެންދާ އަސްކަރީ ހަމަލާތައް ގާތްގަޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށްވެސް ޗެނަލް 14 ދެއްވި އިންޓަވިއުގައި ނަތަންޔާހޫ ވިދާޅުވިއެވެ.

"ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ވަރުގަދަ މަރުހަލާ ނިމުމަކަށް އަންނަން ކައިރިވެއްޖެ. ނަމަވެސް އޭގެ މާނައަކީ ހަނގުރާމަ ނިމުމަކަށް އަންނަން އުޅެއެކޭ ނޫން. ރަފަހްއަށް ދޭ ވަރުގަދަ ހަމަލާތައް ނިމުމަކަށް އަންނަން އުޅެނީ." ނަތަންޔާހޫ ވިދާޅުވިއެވެ.

ހަމާސްގެ ބަދަލުގައި ހިފައިފައިވާ ހުޅަނގު އައްސޭރީގައި ހުންނަ ފަލަސްތީނުގެ އޮތޯރިޓީ (ޕީއޭ) އިން ޣައްޒާގެ ވެރިކަން ހިންގާނެ ކަމަށް ބުނާ ވާހަކަ ނަތަންޔާހޫ ވަނީ ދޮގުކުރައްވައިފައެވެ. ބަދަލުގައި ބޭނުންވަނީ މަދަނީ ވެރިކަމެއް ގާއިމު ކުރުމަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޣައްޒާގެ އިތުރުން ލުބުނާނަށް ހަމަލާދޭން ތައްޔާރުވަމުން އަންނަ ކަމަށްވެސް ނަތަންޔާހޫ ވަނީ އިޝާރާތްކުރައްވައިފައެވެ. އެގޮތުން ވަރަށް އަވަހަށް ލުބުނާނުގެ އުތުރު ސަރަހައްދީ ރޮނގަށް ސިފައިން ފޮނުވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. އަދި އެއީ އަމިއްލައަށް ދިފާއު ވުމަށާއި ރަހީނުން އަނބުރާ ގައުމަށް ގެނައުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ އުތުރާއި ލުބުނާނުގެ ދެކުނުން އެތައްހާސް އާންމުން ގެދޮރު ދޫކޮށްފައިވާއިރު، ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގެ ސިފައިންނާއި ލުބުނާނުގެ ހިޒްބުالله ހަނގުރާމަވެރިންނާ ދެމެދު ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ހަމަލާތައް ބަދަލުކުރެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް ނުވަ މަސް ވާން ކައިރިވެފައިވާއިރު، މިހާތަނަށް 37،598 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް