އީރާނުން ބަދަލު ހިފާނަމަ، އިސްރާއީލުން ދޭ ހަމަލާތައް ވަރުގަދަވާނެ ކަމަށް އިސްރާއީލު އަސްކަރިއްޔާގެ ވެރިޔާ، ލެފްޓިނެންޓް ޖެނެރަލް ހެރްޒީ ހަލޭވީ ވިދާޅުވެއްޖެއެވެ.
"އީރާނުން އިސްރާއީލަށް އިތުރު މިސައިލް ބެރޭޖެއް ފޮނުވާލުމުގެ ގޯސް ހަދައިފި ނަމަ އީރާނާ ހަމައަށް އަނެއްކާވެސް ވާސިލްވާނެ ގޮތް އެނގޭނެ. އަދި ވަރަށް ވަރުގަދަޔަށް ހަމަލާދޭނެ" ހެރްޒީ ހަލޭވީ ވިދާޅުވިއެވެ.
ހަފުތާ ބަންދުގައި ބޭއްވި މުޒާހަރާގައި ބައިވެރިވި އަސްކަރީ މުވައްޒަފުންނާ މުޚާތަބުކޮށް ހަލޭވީ ވިދާޅުވީ ވަކި އަމާޒުތަކެއް ކަނޑައަޅާފައި ވަނީ "އަނެއްކާވެސް މިކަން ކުރަން ޖެހިދާނެތީ" ކަމަށެވެ.
ހޮނިހިރު ދުވަހު އިސްރާއީލުގެ ފަޔާ ޖެޓްތަކުން ވަނީ މި މަހުގެ ކުރީކޮޅު ތެހެރާނުން ދިން ބޮޑު ބެލިސްޓިކް މިސައިލް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުގެ އަސްކަރީ އަމާޒުތަކަށާއި މިސައިލް އުފައްދާ ތަންތަނަށް ވައިގެ ހަމަލާތަކެއް ދީފައެވެ.
ގާތްގަނޑަކަށް 200 މިސައިލް ހިމެނޭ އީރާނުން އިސްރާއީލަށް ދިން އެ ހަމަލާއަކީ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުاللهގެ ވެރިޔާ ހަސަން ނަސްރުالله އާއި ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރެއް މަރާލުމުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެކެވެ.
އިސްރާއީލުން ދިން ހަމަލާގައި ވެރިރަށް ތެހެރާނާއި އެގައުމުގެ އެހެން ހިސާބުތަކުގައި ހުރި އަސްކަރީ ތަންތަނަށް އަމާޒުކޮށްފައިވާކަން އީރާނުން ކަށަވަރުކޮށްދިން ނަމަވެސް އެކަމުގެ ސަބަބުން ލިބުނު ގެއްލުން ކުޑަ ކަމަށް އީރާނުން ބުނެއެވެ.
އިސްރާއީލުގެ އެ ހަމަލާއާ ގުޅިގެން އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވީ، އެ ހަމަލާއަކީ މާ ބޮޑު ނުވަތަ ކުޑަ ހަމަލާއެއް ކަމުގައިވެސް ދެކިގެން ނުވާނެ ކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ނުދެއްވައެވެ.
ހޯމަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އީރާނުން އުޅެނީ ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން އޭނާގެ ގައުމު ހަލާކު ކޮށްލުމަކަށް ކަމަށެވެ.
މިދިޔަ އަހަރު އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާއެކު، އީރާނާއި ލުބުނާނަށް ވެސް އިސްރާއީލުން އަންނަނީ ހަމަލާތައް ދެމުންނެވެ.