ފިލްމު "ލަވް އާޖްކަލް"ގެ ޝޫޓިންގް ކުރިއަށްދިޔަ ދުވަސްވަރު އަމިއްލަ ނަފުސަށް އޮތް އިތުބާރު ގެއްލުނު ގިނަ ދަނޑިވަޅުތަކެއް އައި ކަމަށް ބަތަލާ ސާރާ އަލީ ޚާން ބުނެފިއެވެ.
ފިލްމު "ކެދަރުނާތު"އިން 2018ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވި ބަތަލާ ހަމަ އެ އަހަރު ރިލީޒްކުރި ފިލްމު "ސިމްބާ"އިން ބެލުންތެރިންގެ ތަރުހީބު ހޯދިއިރު ކެރިއަރުގެ ތިންވަނަ ފިލްމު "ލަވް އާޖްކަލް"ވީ ބޮޑު ފްލޮޕަކަށެވެ. މީޑިއާއަށް ދިން އިންޓަވިއުއެއްގައި މި ފިލްމާ ބެހޭގޮތުން ސުވާލުކުރުމުން ސާރާ ބުނެފައިވަނީ ފިލްމު "ލަވް އާޖްކަލް"އަކީ ކެރިއަރުގައި އެޅުނު ޅަ އެއްޗެއް ކަމަށެވެ.
ފިލްމުގެ ބައެއް ސީންތައް ޝޫޓް ކުރިއިރު ވެސް އަމިއްލަ ނަފުސަށް އޮތް އިތުބާރު ކުޑަ ކަމަށާއި ކެރިއަރުގައި އޭރު ސޮއިކޮށްފައި ހުރި ފިލްމުތައް ގެއްލިދާނެކަމުގެ ބިރު ހީވި ކަމަށް ވެސް ސާރާ ވަނީ ބުނެފައެވެ.
އޭރު ސޮއިކޮށްފައި އޮތް ފިލްމު "އަތުރަންގީރޭ"ގެ ރޯލް ބަތަލާ އާލިއާ ބަޓްއަށް ދީފާނެކަމުގެ ބިރު ހީވި ކަމަށާއި އެކަމާ ގުޅޭގޮތުން ފިލްމުގެ ޑައިރެކްޓަރު އާނަންދު އެލް ރާއި ގާތު ސުވާލުކުރި ކަމަށް ވެސް ސާރާ ވަނީ ބުނެފައެވެ. ނަމަވެސް، ފިލްމު "އަތުރަންގީ ރޭ" އަދި "ޒަރަ ބަޗްކޭ ޒަރަ ހަޓުކޭ"އަށް ފަހު ބެލުންތެރިން ސާރާ ބަލައިގަތްކަމުގެ އިހުސާސްކުރެވެން ފެށި ކަމަށް މި އިންޓަވިއުގައި ބަތަލާ ވަނީ ބުނެފައެވެ.
ފިލްމު "ލަވް އާޖްކަލް"އަށް ފަހު ވަރަށް ގިނަ ފިލާވަޅުތައް ދަސްވިކަމަށާއި އެ ފިލްމަކީ ކެރިއަރުގައި ރަނގަޅު ކުރަންހުރި ގިނަ ކަންކަން ކުރުމަށް މަގުފަހުކުރުވި ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި މިހާރު ދެކޭ ކަމަށް ސާރާ ވަނީ ބުނެފައެވެ.
މިދިޔަ މާޗު މަހު ފިލްމު "އޭ ވަޠަން މޭރޭ ވަޠަން"އިން ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ ވަނީ މި އަހަރު ތިން ފިލްމަކަށް ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ފިލްމު "މެޓްރޯ އިން ދިނޯ"، "ސްކައި ފޯސް" އަދި "އީގަލް"ގެ ނަމުގައި އުފައްދާ ފިލްމެއް ހިމެނެއެވެ.