މިސްކިތްތެރޭ ނެށި ކުއްޖާ ނަށާ ގްރޫޕުން ސަސްޕެންޑުކޮށްފި

މީދޫ މިސްކިތެއްގައި ނަށާ ވީޑިއޯ: އެ ވީޑިއޯގައި ނެށި ކުއްޖާ މިހާރު ސަސްޕެންޑުކޮށްފި --

ރ. މީދޫ މިސްކިތެއްގައި ނަށަމުން ޓިކްޓޮކް ކުޅުނު އަންހެން ކުއްޖާ ވަކި މުއްދަތެއް ނެތް ގޮތަށް 'ދަންދާނަ' ގުރޫޕުން މިއަދު ސަސްޕެންޑުކޮށްފިއެވެ.

މީދޫ މިސްކިތެއްގައި ނަށަމުން ޓިކްޓޮކެއް ކުޅުނު މައްސަލަ ފެންމަތިވެ، ފުލުހުން ވެސް ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ. ފުލުހުން ބުނީ، މިސްކިތެއްގައި ނެށީ އެ ރަށް ޝޯދޭން ގޮސް ތިބި ނަށާ ގްރޫޕެއްގެ އަންހެން މެންބަރަކު ކަމަށެވެ.

އެ އަންހެން ކުއްޖާ ނިސްބަތްވާ 'ދަންދާނަ' ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ވީޑިއޯ މިސްކިތެއް ތެރޭގައި ކުޅެފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި، އެކަން ކޮށްފައިވަނީ އޭނާ އަމިއްލައަށް ކަމަށާއި އެ ކަމުގައި އެ ގުރޫޕުގެ އެއްވެސް ހިއްސާއެއް ނެތް ކަމަށް ވެސް އެ ގުރޫޕުން ބުނެފައިވެއެވެ.

އެކަން ކޮށްފައިވަނީ ގްރޫޕުގެ ދަތުރެއްގައި ކަމަށްވުމުން ގްރޫޕުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް އޭނާ ވަކި މުއްދަތެއް ނެތި ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ގްރޫޕުން ނެރުނު ބަޔާނުގައިވަނީ ބުނެފައިވެއެވެ.

https://sun.mv/193468

އެ ގްރޫޕުން ވަނީ އެ ވީޑިއޯގެ ސަބަބުން އެ ގްރޫޕުގެ ނަން ހަޑިވާނެ ގޮތަށް ޚަބަރު ނުފަތުރަން ވެސް އެދިފައެވެ. އަދި، ކުރިއަށް އޮތް ދަތުރުތަކުގައި އެ ގުރޫޕުގެ މެންބަރުންގެ ފަރާތުން އެފަދަ އަމަލެއް ނުފެންނާނެކަމުގެ ޔަގީންކަން އެ ގުރޫޕުން ވަނީ ދީފައެވެ.

މި ކަމާ ގުޅިގެން މީދޫ ކައުންސިލުން މީގެ ކުރިން ބުނީ، މިއީ މިސްކިތުގެ ހުރުމަތްކެނޑޭ ފަދަ އަމަލެއްކަމުން އެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރާ ކަމަށް އުންމީދުކުރާ ކަމަށެވެ. އެކަމަކު، އެ ހާދިސާ ހިނގީ ސީދާ ކޮން ވަގުތެއްގައި ކަމެއް ނޭނގޭ ކަމަށް ކައުންސިލުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް