މީދޫގައި އަންހެނަކު މިސްކިތެއް ތެރޭ ޓިކްޓޮކް ކުޅުނު މައްސަލައެއް ބަލަނީ

ރ. މީދޫ: މީދޫގައި އީދު ޝޯ ދޭން ދިޔަ އަންހެނަކު، މިސްކިތެއް ތެރޭ ޓިކްޓޮކް ކުޅުނު މައްސަލައެއް ބަލަނީ ---- ފޮޓޯ/ވިޒިޓް، ރ. މީދޫ

ރ. މީދޫގައި އަންހެނަކު މިސްކިތެއް ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން 'ސަން'އަށް މައުލޫމާތު ދެއްވަމުން މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވީ، އެ ރަށުގައި އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާ ގުޅުން ހުރި ވީޑިއޯއެއް ވެސް ދައުރުވަމުން އަންނަ ކަމަށެވެ.

އަންހެން މީހާ ޓިކްޓޮކް ކުޅުނު މިސްކިތަކީ އެރަށު އާސަރީ މިސްކިތް ކަމަށާއި މިހާރު ވެސް ނަމާދު ކުރުމަށް އެ މިސްކިތް ބޭނުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރ. މީދޫ: މީދޫގައި އީދު ޝޯ ދޭން ދިޔަ އަންހެނަކު، މިސްކިތެއް ތެރޭ ޓިކްޓޮކް ކުޅުނު މައްސަލައެއް ބަލަނީ ---- ފޮޓޯ/ ހަވާސް ތައްޓި، ފޭސްބުކް

އިތުރަށް އޭނާ ވިދާޅުވީ، މިސްކިތުގައި އެއަމަލު ކޮށްފައިވާކަން އެނގުމާއެކު އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"މިހާރު އެ މައްސަލަ ބަލަމުން ގޮސް، މިހާރު އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން އެ ވީޑިއޯ ވަނީ ރިމޫވްކޮށްފައި،" އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން، މިސްކިތުގެ ހުރުމަތް ކެނޑޭ އެފަދަ މައްސަލައެއް ފުލުހުން ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސީދާ އެ ހާދިސާ ހިނގީ ކޮން ވަގުތެއްގައި ކަން ނޭނގޭ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެއީ މީދޫގައި އީދު ޝޯ ދޭން ގޮސް ތިބި ގުރޫޕެއްގެ އަންހެން މެންބަރެއް ކަމަށެވެ.

އެ މައްސަލަ ބަލަމުން އަންނަކަމަށް ބުނި ނަމަވެސް، މައްސަލައާ ގުޅުން ހުރި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް