މުޅި ފިިޔޯރީ ހާސްކަމުގައި، ކުޑަކުޑަ މީނާލް ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުން އަންނަ މީނާލް --

ގދ. ފިޔޯރީން އުމުރުން އެންމެ އަށް އަހަރުގެ އަންހެން ކުއްޖެއްކަމަށްވާ މަރިޔަމް މީނާލް މުޙައްމަދު މިއަދު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެ ރަށު ފިނިވިލާގެއަށް ނިސްބަތްވާ މީނާލް ގެއްލުނުކަން ފާހަގަވީ މިއަދު ހަވީރު 17:35 ހާއިރެވެ. އެއާއެކު މީނާލް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތު "ސަން"އަށް ދެމުން ކުއްޖާގެ ބައްޕަ މުޙައްމަދު ރަޝީދު މިރޭ ބުނީ ހަވީރުގެ ވަގުތު މީނާލް މަންމަ ދެކެ ހިތްހަމަ ނުޖެހިގެން ގެއިން ނިކުމެގެން ދިޔަ ކަމަށެވެ.

އެހެން ނަމަވެސް ކަމެއް ގޯސްކޮށް ނުހިނގާނަމަ، މިހާތަނަށް އައިއިރު ވެސް އަބަދުވެސް އިރުއޮއްސި ހައެއް ޖަހަންވާއިރަށް އަބަދުވެސް ގެއަށް މީނާލް އަންނަކަމަށް އޭނާގެ ބައްޕަ ކިޔައިދިނެވެ.

ނަމަވެސް ކަމެއް ގޯސްވީކަން ފާހަގަވެ، ހޯދަން މަސައްކަތް ފެށީ ހައެއްގެ ފަހުން ވެސް ގެއަށް ނައުމުންކަމަށް ބުންޏެވެ.

"ދެން އަންހެނުން ވެސް އެހާ ބޮޑަކަށް އަޅައެއް ނުލައި. ދެން އަޅުގަނޑު މަސައްކަތު އުޅެފައި، ހޮޓަލަށް ދިޔައިރު އަންހެނުން ހުރީ ޕާކުގައި ދެ ދަރިން ގޮވައިގެން ގޮސް. ހުއްޓާ މަ އެހިން ކޮބާހޭ މީނާލް. ބުނީމާ ބުނީ، ގޮއްސިޔޭ ރުޅި އައިސްގެން. ނޭނގެޔޭ ދިޔަތަނެއް،" ބައްޕަ، ރަޝީދު ކިޔައިދިނެވެ.

ރަޝީދު ބުނީ މީނާލް ގެއިން ނިކުތީ ފޯނެއް ހިފައިގެން ކަމަށެވެ. ނަމަވެސް އެއީ ގޭމް ކުޅެން ދީފައި އޮންނަ ފޯނެއްކަމުން އޭގައި ސިމެއް ނޯންނާނެކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން ގުޅޭނެ އެއްވެސް ގޮތެއް ނުވަަތަ ހުރި ތަނެއް ބެލޭނެ ގޮތެއް ނެތްކަމަށް ވެސް ބުންޏެވެ.

"ދެން އެތާ ހުރެފައި ކުޑަ މީހާ ގޮވައިގެން ހޯދަން ފެށި ގޮތަށް އަދިވެސް ނުފެނިގެން މި އުޅެނީ. މުޅި ރަށް ހޯދާ ނިމިއްޖެ ގާތްގަނޑަކަށް. އަދިވެސް ނުއެއް ފެނޭ،" އޭނާ ބުންޏެެވެ.

ރަޝީދު ވިދާޅުވީ މުޅި ރަށުގެ ސަރަހައްދު ބަލަން، ފަރެސްމާތޮޑާ މަސްވެރިންގެ 10 މީހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

އެކަނި މައިއެކަނި ދުވަހަކު ވެސް ގެއާ ދުރު ތަނަކަށް މީނާލް ނުދާނެކަން ފާހަގަކޮށް އޭނާ ވިދާޅުވީ މި ހާދިސާއާ ގުޅުވޭ ޝައްކުވާ އެއްވެސް ކަމެއް މި ދޭތެރެއިން ހިނގައިފައި ވެސް ނުވާކަމަށެވެ.

މީނާލަކީ ކިޑްނީގެ ބައްޔެއް ހުރި ކުއްޖެއްކަމަަށް އާއިލާއިން މައުލޫމާތު ދެއެެވެ.

މި މައްސަލަ މިރޭ 19:08 ހާއިރު ވަނީ ފުލުހަށް ރިޕޯޓުކޮށްފައެވެ.

އަދިވެސް މީނާލް ނުފެންނާތީ އޭނަ ހޯދުމުގެ މަސައްކަތް މުޅި ރަށުގެ ރައްޔިތުންނާއި ފުލުހުން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް