ފިޔޯރީ ސުކޫލުގައި ކުލާސްރޫމްތައް މަދުވުމުން ކިޔަވައިދޭން ދަތިވާކަމުގެ ޝަކުވާ

ފިޔޯރީ ސުކޫލު: ސުކޫލުގައި ކުލާސް ރޫމްތައް މަދުވުމުން ދަރިވަރުންނަށް ދަތިތަކެއް ----

ގދ. ފިޔޯރީ ސުކޫލުގައި ބޭނުން ކުރާ ކުލާސްރޫމްތައް މަދުވުމުން ދަރިވަރުންނަށް އިތުރު ހަރަކާތްތައް ގެންދިއުމުގައި ދަތިވަމުން އަންނަކަމުގެ ޝަކުވާ އެ ރަށު ކައުންސިލުން މިރޭ ފާޅުކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން 'ސަން'އަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ، މިދިޔަ އަހަރުގެ ޖެނުއަރީ އަށްވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެރަށު ސުކޫލުގެ ބާ އިމާރާތުގެ ކުލާސްތައް އަނދާފައިވާކަމަށެވެ.

އެގޮތުން، އަލިފާނުގެ ހާދިސާގައި އެއްކޮށް އަނދާ ހުލިވި ހަތަރު ކުލާސް ރޫމަކީ ހޯލަކަށާއި ދަރިވަރުންގެ އެހެނިހެން އިތުރު ހަރަކާތްތަކަށް ބޭނުން ކުރަމުން އައި ތަނެެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ ދަރިވަރުންނަށް އެ ކަމުގެ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ފާހަގަކުރެވޭ ކަމެއް. ސަރުކާރުގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައިވާނީ،ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު

އިތުރަށް ފައިޒަރު ވަނީ މިހާރު ސުކޫލުގައި ޖަލްސާއެއް ބާއްވާން ޖެހުނަސް ދާންޖެހެނީ ވަރަށް ދުރުގައި ހުންނަ ތަނަކަށް ކަން ފާހަގަކުރައްވާފައެވެ.

ފިޔޯރީ ސުކޫލުގައި 2021 ވަނަ އަހަރު އިމާރާތް ކުރި ހަ ކުލާސް ރޫމުގެ އިމާރާތް: ފިޔޯރީ ސުކޫލުގައި ކުލާސް ރޫމްތައް މަދުވުމުން ދަރިވަރުންނަށް ދަތިތަކެއް --- ފޮޓޯ/ މުހައްމަދު އަޙްމަދު

މީގެ އިތުރުން، އެ ރަށަށް ރައީސް. ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅެއްގައި އެ މައްސަލަ ހިއްސާކުރެއްވިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި އަހަރުގެ ތެރޭގައި ކޮންޓްރެކްޓު ޑިޒައިންގެ މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

ނަމަވެސް، ރަސްމީކޮށް އެ މަސައްކަތް ކުރިއަށްދާކަން އެނފައި ނުވާކަމަށް ފައިޒަރު ވިދާޅުވިއެވެ.

އެ މައްސަލައަކީ ރައްޔިތުންނާއި ގުޅުން ހުރި މައްސަލައަކަށް ވާތީ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް ވެސް ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިހާރު އެ ސުކޫލުގައި 160 ކުދިން ކިޔަވަމުން ދާއިރު، ކިޔަވާ ދިނުމަށް ބޭނުން ކުރަނީ އެންމެ 11 ކްލާސްރޫމެވެ.

comment ކޮމެންޓް