ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން މ އަތޮޅަށް ރީނދޫ ސަމާލު

ވިއްސާރަވެ ކަނޑުގަދަވުން: ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން މ އަތޮޅަށް ރީނދޫ ސަމާލު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އީދު ބަންދަށް ފަހު މި ދުވަސްވަރު ގިނަ ބަޔަކު ދަތުރުކުރަމުންދާއިރު، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ރީނދޫ ސަމާލު ނެރެފިއެވެ.

މިއަދު، އެ އިދާރާއިން ބުނީ، ހއ. އަތޮޅުން މ. އަތޮޅަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިގައި ވައިޖެހި ވިލާގަނޑުގައި އިތުރަށް ވައި ގަދަވާނެ ކަމަށް މެޓުން ބުނެއެވެ.

މިގޮތުން، އެ އަތޮޅުތަކަށް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން، އެ އިދާރާއިން ވަނީ މިއަދު ހަވީރު 18:00 އިން 22:00ގެ ނިޔަލަށް ހއ. އަތޮޅުން މ އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.

ވިއްސާރަވެ ކަނޑުގަދަވުން: ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން މ އަތޮޅަށް ރީނދޫ ސަމާލު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާހަގަކޮށްލެވޭ ގޮތުގައި، އީދު ބަންދަށް ފަހު މާދަމާ ސުކޫލުތަކާއި ސަރުކާރު އޮފީސްތައް ހުޅުވޭއިރު، ގިނަ ބަޔަކު އަންނަނީ ކަނޑު ދަތުރުތައް ކުރަމުންނެވެ.

މެޓު އޮފީހުން ބުނީ، މިހާރު މި ކުރާ ވިއްސާރަ ހޯމަ ދުވަހުގެ ނިޔަލަށް ހުއްޓާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ނަމަވެސް، ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް އުތުރާއި މެދު ރާއްޖެތެރޭގައި ވައިގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި، ކަނޑުތައް ވެސް އާދައިގެ ވަރަަކަށް ގަދަވާނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.

އުތުރާއި މެދުރާއްޖެތެރެއަށް ކަނޑުތައް ގަދަވި ނަމަވެސް ދެކުނަށް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެ ކަމަށް މެޓު އޮފީހުން ބުނެއެވެ.

comment ކޮމެންޓް