ހަނިމާދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހދ. ހަނިމާދޫ: އެ ރަށުން މަރުވެފައި އޮތް މީހަކު ވަނީ ފެނިފައި -- ފޮޓޯ/ ޒުވާން މަސްވެރިޔާ

ހދ. ހަނިމާދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެއްސަކު މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ، ހަނިމާދޫ ގެއެއްގެ ކޮޓަރިއެއް ކުއްޔަށް ނަގައިގެން އުޅޭ މީހަކު ރޭ ކޮޓަރިއަށް ވަންގޮތަށް ޚަބަރެއްނުވާ ކަމަށް މައުލޫމާތު ލިބިގެން ފުލުހުން އެޓެންޑުވި ކަމަށެވެ.

ފުލުހުން އެ މީހާ ދިރިއުޅުނު ކޮޓަރިއަށް ވަންއިރު އެ މީހާގެ ހަރަކާތެއް ނެތް ކަމަށާއި އޮތީ އެނދުމަތީގައި ކަމަށް ފުލުހުން ބުންޏެވެ.

އެ ރަށު ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ، އެ މީހާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

މި ހާދިސާގައި މަރުވީ އަހުމަދު ޖަލީލް، 64 އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން މިއަދު 'ސަން'އަށް ވިދާޅުވީ، މަރުވީ އެ ރަށު މީހެއް ނޫން ކަމަށެވެ. އެއީ، އެ ރަށަށް ގޮސް އެ ރަށުގައި މިހާރު ދިރިއުޅެމުން އަންނަ މާލޭ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މީހާ އިއްޔެ ހަނިމާދޫގައި އޮތް ޢީދު ކުޅިވަރުތަކުގެ އޮފިޝަލްކަން ކުރަން އުޅުނު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އެ ރަށު މީހަކަށް އެ މީހާ ފެނުނީ ރޭ ހަތެއް ޖަހާކަންހާއިރެވެ. އޭގެ ފަހުން އެ މީހާގެ ޚަބަރެއް ނުވެގެން ބެލީއިރު މިއަދު ފެނުނީ މަރުވެފައި އޮއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލީލަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވެސް ގިނަ ޚިދުމަތްތަކެއް ކޮށްދިން މީހެކެވެ.

ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

comment ކޮމެންޓް