ލުބުނާނު އެހެން ޣައްޒާއަކަށް ހަދައިގެން ނުވާނެ: އދ

އިސްރާއީގެ އުތުރުގެ ކިރިޔާތު ޝްމޯނާ ކައިރީގައި ހިޒްބުالله އާއި އިސްރާއީލުގެ ސިފައިންނާ ދެމެދު ބޯޑަރު ހުރަސްކޮށް ކުރިއަށްދާ ހަނގުރާމަ -- ފޮޓޯ/އިންގްލިޝް އަރަބިއާ

ލުބުނާނާއި އިސްރާއީލާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އަނެއްކާ ވެސް އެހެން ޣައްޒާއަކަށް ލުބުނާނު ހަދައިގެން ނުވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ.

ގުޓަރެސް އެގޮތަށް ވިދާޅުވީ ޣައްޒާގެ ހަނގުރާމައާ އެއްވަރަށް އިސްރާއީލާއި ލުބުނާނުން ވެސް ބޯޑަރު ހުރަސްކޮށް ގާތްގަނޑަކަށް ކޮންމެ ދުވަހަކު ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

"މި ސަރަހައްދުގެ ރައްޔިތުންނާއި މުޅި ދުނިޔެއަށް ވެސް ލުބުނާނަކީ އެހެން ޣައްޒާއަކަށް ވެއްޖެނަމަ، އެކަން ބަލައެއް ނުގަނެވޭނެ," ނޫސްވެރިންނާ ވާހަކަދައްކަވަމުން ގުޓަރެސް ވިދާޅުވިއެވެ.

އިސްރާއީލާއި ލުބުނާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ހިޒްބުالله ޖަމާއަތުން ބޯޑަރު ހުރަސްކޮށް ހަމަލާތައްދޭއިރު، ސަރަހައްދީ ހަމަނުޖެހުމަކަށް ހިނގައިދާނެކަމުގެ ބިރު ބޮޑުވަމުން އަންނަނީ ލުބުނާނަށް ހަމަލާދިނުމަށް އިސްރާއީލުގެ ކެބިނެޓުން ފާސްކޮށްފައިވާކަން ހާމަކުރުމުންނެވެ. ބަދަލުގައި ހަމަލާދޭނެ ކަމަށް ހިޒްބުﷲއިން ވެސް ވަނީ ބުނެފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ގޮތުން، ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކާއި ލުބުނާނުގެ ހިޒްބުاللهއާ އަޅާކިޔުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

ހިޒްބުالله އަކީ ޣައްޒާގެ ވެރިކަންކުރާ ހަމާސްގެ ހަތިޔާރު އެޅި ގޮފި، ޤަސަމް ބްރިގޭޑްސްއާ އަޅާބަލާއިރު މާ ބޮޑަށް ތަމުރީނު ލިބިފައިވާ، ފަހުގެ ނުރައްކާތެރި ހަތިޔާރުތައް ގެންގުޅޭ ޖަމާއަތެއް ކަމަށާއި އެ ސަބަބަށްޓަކައި އިސްރާއީލުން ލުބުނާނަށްދޭ ހަމަލާތަކަށް ދައްކަންޖެހޭ އަގު ވަރަށް ބޮޑުވާނެ ކަމަށް ގަތަރު ޔުނިވާސިޓީގެ ބޭރުގެ ކަންކަން ދިރާސާކުރާ ޕްރޮފެސަރު ހަސަން ބަރާރީ އަލްޖަޒީރާއަށް ވިދާޅުވިއެވެ.

މެދުއިރުމަތީގައި އޮތް އެންމެ ބާރުގަދަ އަސްކަރީ ލަޝްކަރު އިސްރާއީލު އަތުގައި އޮތްއިރު، ހިޒްބުاللهގެ ޖަމާއަތުގައި އެތައް ހާސް ހަނގުރާމަވެރިންނެއް ތިބެއެވެ. ގިނައީ ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ތަޖުރިބާ ލިބިފައިވާ މީހުންނެވެ.

comment ކޮމެންޓް