ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަންގްލަދޭޝްގެ ބިންގަނޑު ކަނޑައިގެން ގޮސް 15 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމުވެފައިވާއިރު މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެއެވެ.
ބަންގްލަދޭޝްގައި ތިބި ރެފިއުޖީންނާ ހަވާލުވެ ހުންނެވި ސަރުކާރުގެ އިސް އޮފިޝަލު، މުހައްމަދު ޝަމްސުދު ދޫޒާ ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ރޮހިންޖާ މުސްލިމުންގެ އަށް މީހަކު ހިމެނޭ ކަމަށެވެ. މި ކާރިސާއަކީ ދެކުނު އޭޝިއާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ފަހުން ކުރިމަތިވި އެފަދަ ބޮޑު ކާރިސާއެވެ.
ފާއިތުވި މަސްތަކުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނާއި ހޫނު ގަދަވެގެން ވެސް އެތައް ބަޔަކު މަރުވެފައިވެއެވެ.
ރެފިއުޖީން މަރުވެފައިވަނީ ބަންގްލަދޭޝްގެ ދެކުނުގައި ބިންގަނޑު ކަނޑައިގެން ގޮސްގެންނެވެ. ކުރިން 2017 ވަނަ އަހަރު އަވައްޓެރި މިޔަންމާގައި ހިނގި އަސްކަރީ ހަމަނުޖެހުމުގެ ސަބަބުން ފިލައިގެން ދިޔަ މީހުން ދިރިއުޅެނީ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީން ވަޒަންވެރިވާ ކޮކްސް ބާޒާރުގެ ބޯޑަރު ޑިސްޓްރިކްޓްގައެވެ. އެ ސަރަހައްދުގައި ހުރި ތޮއްޖެހިފައިވާ ކޭމްޕްތަކުގައި މިލިއަނަކަށްވުރެ ގިން ރޮހިންޖާ މީހުން ދިރިއުޅެއެވެ.
ވިއްސާރައިގެ ސަބަބުން ބަންގްލަދޭޝްގެ އިރުއުތުރުގައި ވެސް ހަލަބޮލިކަން އުފެދިފައިވެއެވެ.
އެ ގޮތުން، ބޯކޮށް ވާރޭވެހި، އެ ސަރަހައްދުގެ ސިލެޓް ޑިސްޓްރިކްޓްގައި 700،000 މީހުން ތާށިވެފައިވާއިރު، އަވައްޓެރި ސުނަމްގަންޖް ޑިސްޓްރިކްޓްގައި އިތުރު 500،000 މީހުން ތާށިވެފައިވާ ކަމަށް ބަންގްލަދޭޝްގެ އިރުއުތުރުގެ ސިލެޓް ޑިސްޓްރިކްޓްގެ ކޮމިޝަނަރު އަބޫ އަހުމަދު ސިއްދީގު ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ މޫސުމާބެހޭ އިދާރާއިން ބުނާ ގޮތުން ކުރިއަށް ދުވަސްތަކުގައި ވެސް ވިއްސާކުރާނެއެވެ.
ބަންގަލަދޭޝްގެ އިތުރުން އަވައްޓެރި އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އާސާމްގައި ވެސް ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހަ މީހަކު މަރުވެފައިވެއެވެ.
ނަމަވެސް، އިންޑިއާގެ އުތުރުގެ ސަރަހައްދުތަކަށް ވަނީ އިންތިހާއަށް ހޫނު ގަދަވެފައެވެ.
ހޫނުގަދަވުމުގެ ސަބަބުން 30 މިލިއަން މީހުން ދިރިއުޅޭ ވެރިރަށް ނިއު ދިއްލީން މި ހަފުތާ ފަސް މީހުން މަރުވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.