ޕާކިސްތާނުގައި ޤުރުއާން އަންދާލި މީހަކު ފުލުހުންގެ ހިމާޔަތުގައި ހުއްޓާ މަރާލައިފި

ޕާކިސްތާނުގެ ވެރިރަށް ލާހޫރުގައި ސިފައިން ހަރަކާތްތެރިވަނީ. އެ ގައުމުގައި ޤުރުއާން އަންދާލި ކަމަށް ތުހުމަތު ކުރެވޭ މީހަކު ވަނީ މަރައިލާފައި --- ފޮޓޯ/އިންގްލިޝް އަރަބިއާ

ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތައި، އަންދާލި ކަމަށް ތުހުމަތު ކުރެވޭ ޕާކިސްތާނުގެ މީހަކު މަރާލައި އަންދައިލައިފިއެވެ.

އޭނާ މަރާލައިފައިވަނީ ފުލުހުންގެ ހިމާޔަތުގެ ދަށުގައި ހުއްޓައެވެ.

އާންމުން އޭނާ ހޯދަން އުޅުމުން ފުލުހުންގެ ހިމާޔަތް ހޯދައިފައިވާ އެ މީހާ ހޯދުމަށް އާންމުން ވަނީ ފުލުހުންގެ އިދާރާއަށް ޖަމާވެފައެވެ. އެއްވެތިބި މީހުން ރޫޅާލުމަށްޓަކައި ފުލުހުން ވަނީ އިންޒާރުގެ ބަޑިތައް ވައިގެ ތެރެއަށް ޖަހާފައެވެ.

އެއާއެކު އާންމުން އިތުރަށް ރުޅިގަދަވެ، ގިނަ ބަޔަކު ފުލުހުންގެ މައްޗަށް ބާރު ފޯރުވައި، އެ މީހާ ގައިގައި ތަޅައި މަރާލީ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ފަހުން ބައެއް މީހުން ވަނީ އޭނާ އަންދާލައިފައެވެ.

މުސްލިމް އަޣުލަބިއްޔަތު އޮންނަ ޕާކިސްތާނުގައި ކުފުރަކީ ވަރަށް ނާޒުކު މައުޟޫއެކެވެ.

މެއި މަހުގެ ފަހުކޮޅު ޤުރުއާނުގެ ސަފުހާތައް އަންދާލި ކަމަށް ތުހުމަތު ކުރެވޭ ކްރިސްޓިއަނަކަށް ވެސް ޕާކިސްތާނުގެ އިރުމަތީ ޕަންޖާބު ސަރަހައްދުގައި ގިނަ ބަޔަކުވެގެން ވަނީ އަނިޔާކޮށްފައެވެ. ލިބުނު އަނިޔާތަކުގައި އެ މީހާ ވަނީ މިދިޔަ ޖޫން މަހު މަރުވެފައެވެ.

ޤުރުއާނަށް އިހާނެތިކޮށް ހިތި މައްސަލައެއްގައި މިދިޔަ އަހަރު ވެސް ޕަންޖާބުގައި ވަނީ މުސްލިމަކަށް ހަމަލާދީ މަރައިލައިފައެވެ.

comment ކޮމެންޓް