ޔޫކްރެއިނަށް ފައިސާ ފޮނުވުމުން ރަޝިއާ ޓީޗަރަކު ޖަލަށްލައިފި

ޔޫކްރެއިނަށް ފައިސާ ފޮނުވުމުން ރަޝިއާގެ ޓީޗަރަކު ވަނީ ޖަލަށް ލައިފައި. ފޮޓޯ/އިންގްލިޝް އަރަބިއާ

ޔޫކްރޭނަށް ފައިސާ ފޮނުވުމުގެ ތުހުމަތުގައި ރަޝިޔާގެ އަސްކަރީ ކޯޓަކުން އެ ގައުމުގެ ޓީޗަރަކު 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ހުކުމްކޮށްފައިވަނީ ޑެނިއިލް ކްލިއުކާ ކިޔާ 27 އަހަރުގެ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ވަނީ ގައުމަށް ގައްދާރުވުމާއި ޓެރަރިސްޓް ހަރަކާތްތަކަށް ތާއީދުކުރާ ކަމުގެ ދައުވާކޮށްފައެވެ.

އެ ހުކުމުގައި ވަނީ ކްލިއުކާ ފަސް އަހަރު ހޭދަކުރާނީ ޖަލުގައި ކަމަށެވެ. ބާކީ 15 އަހަރު އޭނާ ތަންފީޒުކުރާނީ "ސްޓްރިކްޓް ރެޖީމް ޕީނަލް ކޮލޮނީ"ގައި ކަމަށް ރަޝިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރަޝިއާގެ ޖަލުތަކުގެ ނިޒާމުގައި ހިމެނޭ ކޮލޮނީތަކަކީ އެކި މިންވަރަށް ހަރުކަށި ފިޔަވަޅުތައް އަޅައި، ގައިދީން ބައިތިއްބާ ތަންތަނެވެ. އޭގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅުތައް އަޅައިފައި އޮންނަނީ ސްޓްރިކްޓް ރެޖީމް ޕީނަލް ކޮލޮނީތަކުގައެވެ. އެފަދަ ސެންޓަރުތަކުގައި 15އާއި 20އާ ދެމެދުގެ އަދަދެއްގެ ގައިދީން އެއް ގޮޅިއެއްގައި ތިބެންޖެހޭއިރު ކަސްރަތު ކުރުން ފަދަ ކަންތައްތައް ކުރުމަށް ވެސް، އާންމު ޖަލުތަކަށް ވުރެ ބޮޑަށް ހުރަސް އަޅައިފައި އޮވެއެވެ.

ރަޝިޔާގެ މީޑިއާ ގްރޫޕް އާރުބީކޭއިން ބުނީ ކްލިއުކާ ފައިސާ ފޮނުވީ، ޔޫކްރެއިންގެ ސިފައިންނަށް އެހީތެރިވުމަށް ފައިސާ އެއްކުރާ ފަންޑެއް ކަމަށްވާ "ކަމް ބެކް އެލައިވް"އަށެވެ. އެގޮތުން އޭނާ 20،000 އާއި 100،000 ރޫބަލް ނުވަތަ 229 އާއި 1،146 ޑޮލަރާ ދެމެދުގެ އަދަދަކަށް ކްރިޕްޓޯކަރަންސީ ޓްރާންސްފާކޮށްފައިވާ ކަމަށް އެ ނޫހުގައިވެއެވެ.

މީގެ އިތުރުން ރަޝިއާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ގިންތިކޮށްފައިވާ ޔޫކްރޭންގެ އަޒޯވް ރެޖިމެންޓަށް ވެސް ފައިސާ ފޮނުވަން އޭނާ ރާވާފައި އޮތް ކަމަށް ދައުވާގައިވެއެވެ.

އާރުބީކޭއިން ބުނީ ކްލިއުކާ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މޮސްކޯގެ ދެކުނުން އޮންނަ ލިޕެޓްސްކް ސަރަހައްދުން ކަމަށް ރަޝިޔާގެ މީޑިއާތަކުން ބުނެއެވެ.

އެ މައްސަލައިގައި ކްލިއުކާ ބުނީ އޭނާގެ ފޯނުން ފެނުނު ފައިސާ ޓްރާންސްފާތައް ފޮނުވީ ޔޫކްރޭނުން ހިފާފައިވާ ލުގަންސްކް ސަރަހައްދުގައި ތިބި ގާތްތިމާގެ މީހުންނަށެވެ. ނަމަވެސް އޭނާ އެ ފައިސާ ފޮނުވީ ސިފައިންނަށް ފަންޑު ކުރަން ކަމަށް މަޖުބޫރުން އިއުތިރާފު ކުރުވީ ކަމަށް ކްލިއުކާ ވަނީ ބުނެފައެވެ.

comment ކޮމެންޓް