ވޮޝިންޓަން (10 ޑިސެންބަރު 2024 : ޔޫކްރެއިން ހަނގުރާމައަކީ ކޮށްގެންވާނެ ހަނގުރާމައެއް ނޫން ކަމަށާއި ރަޝިއާ އާ ކުރިމަތިލުމަށް ޔޫކްރެއިން ބޭނުންވާ ހަތިޔާރާއި ފައިސާއަކީ އެމެރިކާއަށް ދެވޭނެ އެއްޗެއް ނޫންކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ފްލޮރިޑާގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ޔޫކްރޭނަށް ހަތިޔާރާއި ފައިސާ ދޭހާ ހިނދަކު ޔޫކްރޭން ހަނގުރާމަ ނިމުމަކަށް ނާންނާނެ ކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި ހަނގުރާ ކުރުމަށް ޔޫކްރެއިންއަށް ހަތިޔާރާއި ފައިސާ ނުދެވޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި އޭނާގެ ޓީމުން ރަޝިއާއާއި ޔޫކްރެއިން އާ ނުރަސްމީ މުއާމަލާތްތަކެއް ކޮށްފައިވާއިރު ރަޝިއާއާއި ޔޫކްރެއިން ވެސް އޮތީ އެއްބަސްވުމެއްގެ ދަށުން ހަނގުރާމަ ހުއްޓާލާ ގޮތަށެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި ހަނގުރާމަކުރަން އޭނާގެ ވެރިކަމެއްގައި އެމެރިކާއިން ޔޫކްރެއިންއަށް އެހީ ނުދިންނަމަވެސް ޔޫކްރެއިން އަލުން ބިނާކޮށް އާރާސްތު ކުރުމަށް ކޮންމެވެސް ވަރެއްގެ އެހީއެއް ދެވިދާނެއެވެ. އަދި ޔޫކްރެއިންގެ ރެފިއުޖީން އެނބުރި ގައުމަށް އައުމަށް ބޭނުންވާ ބައެއް އިންސާނީ އެހީވެސް ފޯރުކޮށް ދެވިދާނެއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކޭންޕެއިން ދުވަސްވަރުގައި ޓްރަމްޕް ވަނީ އޭނާ އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ވެއްޖެނަމަ ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ 24 ގަޑިއިރު ތެރޭގައި ޔޫކްރެއިން ހަނގުރާމަ ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕްގެ ޓީމުން ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށްޓަކައި ރަޝިއާއެކު ޑީލެއް ހެދުމާބެހޭ ވާހަކަތަކެއް ގެންދަނީ އެ ދެ ގައުމާއެކު ނުރަސްމީކޮށް ދައްކަމުންނެވެ.
ވެރިކަމުގެ ހުވާކޮށް ރަސްމީކޮށް ވެރިކަމާ ހަވާލުވުމުގެ ކުރިން އެމެރިކާގެ ނަމުގައި މިފަދަ ކަންކަން ކުރުމަކީ އިންތިޚާބީ ރައީސަކަށް ގާނޫނު ތަންދޭ ކަމެއް ނޫނެވެ. ނަމަވެސް ޓްރަމްޕާއި އޭނާގެ ޓީމު ގެންދަނީ ވެރިކަމާ ހަވާލުވެސް ނުވަނީސް އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ކަންކަމުގެ ތެރެއަށް ވަންނަމުންނެވެ. މި މައްސަލާގައި ރައީސް ޖޯ ބައިޑެން ވަރަށް ބޮޑަށް ކޯފާވެ ވަޑައިގެން އުޅުއްވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމަށްޓަކައި ރަޝިއާއެކު ހެދުމަށް ޓްރަމްޕް ގެންގުޅުއްވާ ޑީލް ބިނާވެފައިވަނީ ރަޝިއާ ޔޫކްރެއިނުން ހިފާފައިވާ ބިންތައް ރަޝިއާއަށް ދިނުމަށާއި ޔޫކްރެއިން ނޭޓޯއަށް ނުވައްދާނެކަމުގެ ޔަގީންކަން ރަޝިއާއަށް ދޭގޮތަށްކަމަށް ރޮއިޓާސް ބުނެއެވެ. މީގެބަދަލުގައި ޔޫކްރެއިންއަށް ގޯނާ ނުކުރާނެކަމުގެ ޔަގީންކަން ރަޝިއާ ދިނުމާއި ޔޫކްރެއިންގެ ބާކީހުރި ބިންތަކަށް ނޭޓޯއިން ޚާއްސަ އުސޫލެއްގެ ދަށުން ހިމާޔަތް ދިނުމާއި އެމެރިކާއިން ޔޫކްރެއިންއަށް އިގްތިސާދީ އެހީދީ އެ ގައުމު އަލުން ބިނާކޮށް އާރާސްތު ކުރުމަށް އެހީވުން އެ ޑީލްގައި ހިމެނޭކަމަށްވެއެވެ.
ޔޫރަޕްގެ ގައުމުތައް މިޑީލް އާ ވަރަށް ދެކޮޅުކަމަށް ރޮއިޓާސް ބުނެއެވެ. މިއީ ރަޝިއާގެ އުދުވާނަށް އިނާމު ދިނުން ކަމަށާއި ނަތީޖާއަކަށްވާނީ ރަޝިއާ ޔޫރަޕްގެ އެހެން ގައުމަކާ ދެކޮޅަށް ހަނގުރާމަ ފެށުންކަމަށް ޔޫރަޕްގެ ގައުމުތަކުން ދެކޭކަމަށް ރިޕޯޓްތައް ބުނެއެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގެ ނިޒާމު ދިފާއުކުރަން ރަޝިއާ ފަސްޖެހުނީ ޓްރަމްޕް އާއެކު ހަދާ މިޑީލްގެ ދަށުންކަމަށް ބެލެވޭކަމަށް މުހައްލިލުން ވިދާޅުވެއެވެ. ޓްރަމްޕްގެ ސިޔާސަތުތައް (ޔޫކްރެއިން އާ މެދު ގެންގުޅޭ ސިޔާސަތާއި އަދި އެމެރިކާއަށް އެތެރެކުރާ ޔޫރަޕާއި އެނޫންވެސް ގައުމުތަކުގެ މުދަލުން 100 އިންސައްތަ ޓެރިފް ނެގުމަށް ޓްރަމްޕް ރާވާފައިވާ ސިޔާސަތު) ބައްޓަންކުރާ ގޮތުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާއި ޔޫރަޕްގެ ގުޅުންތަކަށް ބޮޑު ލޮޅުމެއް އަރާނެކަމަށް ވަނީ ބެލެވިފައެވެ.
ޔޫރަޕްގެ ގައުމުތަކަކީ އެމެރިކާގެ ބާރާއި ނުފޫޒާ ދެކޮޅަށް ތެދުވެވޭވަރަށް ވުރެ ބަލިކަށި ގައުމުތަކެއް ކަމަށްވާތީ އެމެރިކާ އާ ވަކިން ލީޑިން ރޯލެއް ޔޫރަޕަށް ދުނިޔޭގެ ފެންވަރުގައި ނުކުޅެވޭނެކަމަށް ސްޓްރެޓީޖިކް ދިރާސާ ވެރިން ބުނެއެވެ.