ށ. ކަނޑިތީމުގައި ގޯތި ދޫކުރުމަށް ޓަކައި ބައެއް ރުއްދަނޑުތައް ހުސްކުރާތީ ބައެއް އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ކަން ކުރަމުންދަނީ ޕްލޭނާއި އެއްގޮތަށް ކަމަށް ކަނޑިތީމުގެ ކައުންސިލުން މިއަދު ބުނެފިއެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހްސަން ވިދާޅުވީ ގޯތި ދޫކުރުމުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަނީ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުގެ މަތީން ކަމަށެވެ.
އަހްސަން ވިދާޅުވީ ކަނޑިތީމުގައި މީގެ ކުރީން ގޯތި ދޫކުރަމުން އައީ ރަށުގެ އެއްފަޅިން ކަމަށެވެ. ނަމަވެސް ކައުންސިލުން މިހާރު ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ކުރީން ގޯތި ދޫނުކުރާ ފަޅިން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"މީގައި ހަމަ މިދަނީ އުސޫލުތައް އޮންނަ ގޮތަށް. މިހާރު ގޯތި ދޫކުރަންވިޔަސް ބިމެއް ދޫކުރަން ވިޔަސް މި އިންނަނީ ލާމަރުކަޒީ ގަނޫނުގެ ދަށުން ކައުންސިލަށް ބާރު ދީފައި، މި އިންނަނީ ލޭންޑް ޔޫސް ޕްލޭން ހަދައިގެން އެއާ އެއްގޮތަށް އަމަލުކުރަން. އަޅުގަނޑުމެން 2021 ގައި އާ ކައުންސިލުން އައިސްގެން އެ އަހަރު ޕްލޭން ހަދަން އިއުލާނުކޮށްފައި 2022 ވަނަ އަހަރުން ފެށިގެން ޕްލޭނާއި އެއްގޮތަށް ބިންތައް ދޫކުރަމުން މި ގެންދަނީ،" އަހްސަން ވިދާޅުވިއެވެ.
އަހްސަން ވިދާޅުވީ ރަށުގެ އެ ސަރަހައްދުން ގޯތި ދޫނުކާރާތާ 30 ނުވަތަ 40 އެއްހައި އަހަރު ވެދާނެ ކަމަށެވެ.
"ގޯތި ދޫކުރަން ނިންމާފަވާ ރަށުގެ މިބުނާ ސަރަހައްދަކީ މިހާރު ވަރަށް ޒަމާންވެއްޖެ 30، 40 އަހަރު ވެދާނެ ކަންނޭނގެ އެފަޅިން ގޯތި ދޫނުކުރާތާ. ދޫނުކޮށް އެއްފަޅިން ގޯތި މި ދޫކުރީ. އެހެންކަމަށް ވެއްޖީޔާ އެ ސަރަހައްދު މުސްކުޅިވެގެންތާ ދާނީ. އެހެންވީމަ ހަމަ ރައްޔިތުންގެ މަޝްވަރާއާއެކު މިފަޅިން މިފަހަރު މި ގޯތި ދޫކުރަނީ. ދެން މިހާ ހިސާބަށް އައިރު ރުއްދަނޑުތަކާ ހަމައައް އައިރު ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމެއް އިންނާނެ. ދެން އެހެން ވިޔަސް ގިނަ މީހުން އެކަމަށް ހަމަ ތާއީދުކުރޭ،"
އަހުސަން ވިދާޅުވީ ކައުންސިލުން ރުއްތައް ނަގަނީ ރުއްތަކުގެ ވެރީންނަށް ޝަރުއީގޮތުން ދޭންޖެހޭ އެއްޗެއް ދީގެން ކަމަށެވެ. ޝަރުއީ ބަދަލަކާއި އެކު ރުއްތަކުގެ ވެރީން ހޯދުމަށް ކައުންސިލުން އިއުލާނުވެސް ކޮށްފައި ވާނޭކަން އޭނާ ވަނީ ފާގަކޮށްފައެވެ.
އޭނާ ވިދާޅުވީ އެންމެ ފަހުން އެރަށުން ގޯތު ދޫކުރީ 2022 ވަނަ އަހަރުގައި ކަމަށެވެ. އެފަހަރު އެރަށުން 45 ގޯތި ދޫކޮށްފައި ވާކަމަށާއި މި ބުރުގައި 60 ގޯތި ދޫކުރުމަށް ނިންމާފައި ވާކަމަށެވެ. ނަމަވެސް ގޯތި ބޭނުިނަވާ މީހުން ތިބިތޯ ސާވޭއެއް ކުރަމުން ދާކަމަށާއި ބިން އޮތުމުން ގޯތި ދެވޭނޭ މިންވަރަށް ގޯތި ދިނުމަށް ނިންމާފައިވާކަމަށް ވެސް އޭނާ ވަނީ މައުލޫމާތު ދެއްވާފައެވެ.