ށ. އަތޮޅުގެ "މާރެސް އެވޯޑު" ގޮއިދޫ، ނަރުދޫ އަދި ކަނޑިތީމަށް

ކަނޑިތީމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އެވޯޑް ދެއްވުން: "މާރެސް އެވޯޑު" ލިބުނީ އެ ރަށުގެ އިތުުރުން ގޮއިދުއާއި ނަރުދުއަށް --

ށ. އަތޮޅު ކައުންސިލުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)އަށް ޚާއްސަކޮށްގެންދޭ މާރެސް އެވޯޑު ށ. ގޮއިދޫ، ނަރުދޫ އަދި ކަނޑިތީމަށް ދީފިއެވެ.

އެ އެވޯޑު ދީފައިވަނީ، އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި މިއަދު ބޭއްވި ޖަލްސާގައެވެ.

އެ އެވޯޑު ގޮއިދުއާއި ނަރުދުއާއި ކަނޑިތީމުގެ ޑަބްލިއުޑީސީއަށް ހަވާލުކޮށްދެއްވީ، ޖަލްސާގެ ޝަރަފުވެރި މެހެމާނު، ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފެވެ.

ށ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މިފަހަރުގެ އެވޯޑަށް އަށް ކޮމެޓީއަކުން ކުރިމަތިލައިފައިވެއެވެ. އޭގެ ތެރެއިން ލިބުނު ޕޮއިންޓަށް ބަލައި، ތިންވަނަ ދަރަޖައިގައި މާރެސް އެވޯޑް ހާސިލުކުރީ ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއެވެ.

ދެވަނަ ދަރަޖައިގައި ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިން މި އެވޯޑް ހާސިލުކުރިއިރު އެއްވަނަ ދަރަޖައިގައި އެ އެވޯޑް ހާސިލްކުރީ ކަނޑިތީމުގެ ކޮމެޓީއެވެ.

ށ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މާރެސް އެވޯޑަކީ އެ އަތޮޅުގެ ރަށްރަށުގައި ހިންގާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާކޮށް ކޮމެޓީތަކުގެ މަސައްކަތަށް ހިތްވަރުދީ އަގުވަޒަންކުރުމުގެ ގޮތުން ކޮމިޓީތަކުގެ މަސައްކަތްތައް މިންކުރުމާއި މަސައްކަތްތައް ދަރަޖަކޮށް އެފަރާތްތަކަށް ޝަރަފު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.

އެ ކައުންސިލުން ބުނީ އެވޯޑް ތައާރަފު ކުރުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ކޮމިޓީތަކުގެ ގާނޫނީ ޒިންމާއާއި ލަނޑުދަނޑިތައް ހާސިލްކުރުމަށް ހިތްވަރު ދިނުމާއި ބަދަހި އިޖުތިމާއީ ގުޅުމެއް ގާއިމު ކުރުމަށް ހިތްވަރު ދިނުން ހިމެނޭ ކަމަށެވެ. އަދި ހިންގުމުގެ ދާއިރާއިން ކޮމެޓީތަކުގެ މެދުގައި ވާދަވެރި ރޫހެއް އުފެއްދުމާއި ބެލުންތެރި މުޖުތަމައަކަށް އަންހެނުންގެ ދައުރު އިތުރުކުރުން ވެސް މި އެވޯޑުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ކައުންސިލުން ބުންޏެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ އެވޯޑް ދިނުމަށް ކައުންސިލުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް