ހަންގޭރީ ބަލިކޮށް ޖަރުމަނު ދެވަނަ ބުރަށް

ޖަރުމަނުގެ ފުރަތަމަ ލަނޑަށްފަހު އުފާފާޅުކުރަނީ---

ޔޫރޯ 2024ގެ ގްރޫޕް އޭގައި ކުޅުނު ދެވަނަ މެޗުގައި ހަންގޭރީ ބަލިކޮށް ދެވަނަ ބުރަށް މުބާރާތް ބާއްވާ ޖަރުމަނު ދަތުރުކޮށްފިއެވެ.

ޖަރުމަނުން ހަންގޭރީ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. އެއާއެކު ޖަރުމަނުން ދެވަނަ ބުރު ކަށަވަރުކުރީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ.

ހަންގޭރީ ކޮޅަށް ޖަރުމަނުގެ ފުރަތަމަ ލަނޑު ޖެހީ 21 ވަނަ މިނިޓްގައި ޖަމާލު މުސިއާލާ އެވެ. މުސިއާލާ މި ލަނޑު ޖަހާފައިވަނީ ޕެނަލްޓީ އޭރިޔާ ތެރެއިން ހަންގޭރީގެ ކީޕަރާއި ޑިފެންޑަރެއް ބޯޅައަށް މަސައްކަތް ކުރަނިކޮށް ޖަރުމަނު ކެޕްޓަން ގުންޑޮގާން ބޯޅަ ހޯދައި އޭރިޔާ ތެރޭ ހުރި މުސިއާލާއަށް ދިން ބޯޅައިންނެވެ.

ޖަރުމަނުގެ ދެވަނަ ލަނޑު ފެނުނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު ކެޕްޓަން ގުންޑޮގާން ކާމިޔާބުކުރީ އޭރިޔާ ތެރެއަށް މެކްސިމިލިއަން ހުރަސްކޮށްލި ބޯޅަ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ޖަރުމަނުން ވަނީ ލަނޑު ޖެހި ދެ ކުޅުންތެރިންވެސް މެޗުގައި ބަދަލުކޮށް، ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. މުޅި މެޗުގައި ބޯޅަ ހިފަހައްޓައިގެން ޖަރުމަނު ވަނީ މޮޅަށް ކުޅެފައެވެ. ޖަރުމަނުގެ ތަޖުރިބާކާރު ކީޕަރު ނޯޔާ ވަނީ ހަންގޭރީގެ ނުރައްކާތެރި ގިނަ ބޯޅަތަކެއް މަތަކޮށްފައެވެ.

މި ނަތީޖާއާއެކު ޖަރުމަނު ވެފައިވަނީ މުބާރާތުގެ ގަދަ 16އިން ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަށެވެ. ޖަރުމަނު ވަނީ ފުރަތަމަ މެޗުގައި 5-1ން ސްކޮޓްލެންޑް ބަލިކޮށްފައެވެ.

comment ކޮމެންޓް