ނޮވެމްބަރަށް ފަހު ވަޖީހު މިފަހަރު ބިބީއިން

ބިބީގެ ކާސްޓާއި ކްރޫއާއެކު ވަޖީހު —- ފޮޓޯ/ ޑާކްރެއިން އެންޓަޓެއިންމެންޓް

ޑާކްރެއިން އެންޓަޓެއިންމެންޓުން ނެރުމަށް ތައްޔާރުވަމުންދާ ފިލްމު "ބިބީ"ގެ ރޯލަކުން ކުރީގެ އެކްޓަރު އިސްމާއިލް ވަޖީހު ފެންނާނެކަން ހާމަކޮށްފިއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި ދެހާހުގެ ކުރީކޮޅު އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ވަޖީހު ހިމެނެއެވެ. އެއަށްފަހު ދާއިރާއަށް ދުރަށް ދިޔުމަށްފަހު ސިންގަޕޫރަށް ބަދަލުވިއިރު އެތައް އަހަރަކަށް ފަހު މިދިޔަ އަހަރު އޭނާ ވަނީ އަލުން ދާއިރާއަށް ވަދެފައެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ޑާކްރެއިންގެ ފިލްމަކުންނެވެ. އެއީ މިދިޔަ އަހަރު ނެރުނު ރޮމްކޮމް ފިލްމު "ނޮވެމްބަރު" އެވެ.

މިފަހަރުވެސް އަނެއްކާ ޑާކްރެއިންގެ ފިލްމަކުން ވަޖީހު ފެންނާނެއެވެ. އެއީ ބިބީއިންނެވެ. ޑާކްރެއިންއިން ހާމަކޮށްފައިވާ ގޮތުގައި ބިބީގެ ވަރަށް ޚާއްސަ ގެސްޓް ރޯލަކުން ވަޖީހު ފެންނާނެއެވެ.

ވަޖީހުގެ ބިޒީ ޝެޑިއުލުން ވަގުތު ހުސްކޮށް ފިލްމުގައި ބައިވެރިވެ މަސައްކަތް ކުރުމުން ޑާކްރެއިންގެ ފަރާތުން ވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ.

މި އަހަރު އެންމެ ވަރުގަދައަށް ޑާކްރެއިންއިން ދައްކަމުން ދަނީ ބިބީގެ ވާހަކައެވެ. ފިލްމުގެ ޝޫޓިންގެ މަސައްކަތް ނިމެން ކައިރިވާއިރު ފިލްމުގެ ތަފާތު މައުލޫމާތުތައް ދަނީ ހާމަކުރަމުންނެވެ. ބިބީއަކީ ބިރުވެރި ކޮމެޑީ ފިލްމެކެވެ. މިއީ އެކި އުމުރުތަކުގެ މީހުންނަށް ވެސް މަޖާވާނެ ފިލްމެއް ކަމަށް ޑާކްރެއިންއިން ވަނީ އިޝާރާތްކޮށްފައެވެ.

ބިބީގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިމެނެނީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުވާދެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޝަހުދާ މަމްދޫހެވެ. މިއީ އޭނާ ޑައިރެކްޓު ކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

މި ފިލްމުގެ ކާސްޓުގައި ޝަރަފު އަބްދުﷲ ހިމެނެއެވެ. ޝަރަފަކީ މި ވަގުތު ފިލްމު އިންޑަސްްޓްރީގައި އެންމެ ޑިމާންޑު ބޮޑު އެއް ތަރިއެވެ. ޑާކްރެއިންއިން އެންމެ ފަހުން ދައްކާފައިވާ ފިލްމު "ފުރޭތަ"ގެ ލީޑު ރޯލުން ވެސް ފެނިފައިވަނީ އޭނާއެވެ. ޝަރަފުގެ އިތުރުން މި ފިލްމުން ފެންނާނީ މަރިޔަމް މަޖުދާއާއި އަބްދުﷲ ޝާފިއު (ފުބޫ) އަދި ޝީލާ ނަޖީބެވެ.

comment ކޮމެންޓް