މެލޭޝިއާއިން ބްރިކްސްއާ ގުޅެނީ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް --- ފޮޓޯ: އީޕީއޭ

ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ މައްޗަށް އެކުލެވޭ މާލީ އިއްތިހާދު ބްރިކްސް ގުރޫޕާ ގުޅެން ޝައުގުވެރިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޗައިނާގެ މީޑިއާއެއް ކަމަށްވާ ގުއާންޗާއަށް ދެއްވި އިންޓަވިއުއެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ، ބްރިކްސްގެ މިހާރުގެ ޗެއާ ކަމަށްވާ ދެކުނު އެފްރިކާއިން އެ އިއްތިހާދުގައި ބައިވެރިވުމަށް ރަސްމީކޮށް ދައުވަތު ލިބުމުން، އެ މާލީ އިއްތިހާދާ ރަސްމީގޮތުން ގުޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ބްރިކްސްއަކީ ބްރެޒިލް، ރަޝިއާ، އިންޑިއާ އަދި ޗައިނާއިން 2006 ވަނަ އަހަރު އުފެއްދި އިއްތިހާދެކެވެ. ދެކުނު އެފްރިކާއިން 2010 ވަނަ އަހަރު އެ އިއްތިހާދާ ގުޅުމުން އެ އިއްތިހާދު މަޝްހޫރުވީ ބްރިކްސްގެ ނަމުންނެވެ.

މިދިޔަ ޖެނުއަރީ މަހު މިސްރު، އިތިއޯޕިއާ، އީރާން، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ވަނީ ބްރިކްސްއާ ގުޅިފައެވެ. އަދި އިތުރު 40 ގައުމަކުން ވެސް ވަނީ ބްރިކްސްއާ ގުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މެލޭޝިއާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިންޑޮނޭޝިއާ، ތައިލެންޑް، މިޔަންމާ، ލާއޯސް އަދި ކެމްބޯޑިއާއިން މީގެ ކުރިން ވަނީ ބްރިކްސްއާ ގުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ބްރިކްސްގެ މެމްބަޝިޕް ހޯދުމުގެ މަރުހަލާ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވިއެޓްނާމުންވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް