މެލޭޝިޔާގެ ޔުނިވަސިޓީ ދަރިވަރުންނަށް ތާރީޚާއި ގާނޫނު މަޖުބޫރުކޮށްފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް --- ފޮޓޯ: ދަމެލޭމެއިލް

މެލޭޝިޔާގެ ޕަބްލިކް އަދި ޕްރައިވެޓް ޔުނިވަސިޓީތަކުގައި ކިޔަވަމުންދާ އެ ގައުމުގެ ހުރިހާ ދަރިވަރުން، މެލޭޝިޔާގެ ގާނޫނުއަސާސީ އާއި އެ ގައުމުގެ ތާރީޚު ކިޔެވުން ސަރުކާރުން މަޖުބޫރު ކޮށްފިއެވެ.

މިކަން ހާމަކުރެއްވީ އެގައުމުގެ ބޮޑުވަޒީރު ދާތުކް ސެރީ އަންވަރު އިބްރާހީމެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މި އަހަރުން ފެށިގެން މަތީ ތައުލީމުދޭ ހުރިހާ މަރުކަޒުތަކެއްގެ ކަރިކިއުލަމްގައި މި މާއްދާތައް ހިމެނުން ލާޒިމުވާނެއެވެ.

"ދަ މެލޭ މެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބަދަލާއެކު އަންނަ އެންމެ ބޮޑު އެއް ބަދަލަކީ، މި މާއްދާތައް ކިޔަވައިދޭން ޖެހޭނީ ހަމައެކަނި މެލޭ ބަހުން ކަމަށް ކަނޑައެޅުމެވެ. އޭގެ މާނައަކީ އާންމުކޮށް އިނގިރޭސި ބަހުން ކިޔަވައިދޭ އަމިއްލަ ޔުނިވަސިޓީތަކުގައިވެސް މި މާއްދާތައް ކިޔަވައިދޭން ޖެހޭނީ މެލޭޝިޔާގެ ގައުމީ ބަހުންނެވެ.

މި ނިންމުމަކީ މެލޭޝިޔާގެ ޒުވާނުންގެ މެދުގައި ގައުމިއްޔަތު ދިރުވައި، ގައުމުގެ އަސާސްތަކަށް އަހުލުވެރި ކުރުވުމަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މެލޭޝިޔާއަކީ ތަފާތު ނަސްލުތަކާއި ދީންތަކުގެ މީހުން ދިރިއުޅޭ ގައުމަކަށްވުމުން، ގައުމުގެ ތާރީޚާއި ދުސްތޫރު އެނގުމަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އިހުތިރާމް އުފެއްދުމަށް މުހިންމު ކަމެއް ކަމަށް ތައުލީމީ މާހިރުން ދެކެއެވެ.

މެލޭޝިޔާގެ ޔުނިވަރސިޓީތަކުގައި މިހާރުވެސް ޖެނެރަލް ސްޓަޑީޒްގެ ގޮތުގައި ބައެއް މާއްދާތައް މަޖުބޫރުކޮށްފައިވާއިރު، ބޮޑުވަޒީރުގެ މި ނިންމެވުމާއެކު ތާރީޚާއި ގާނޫނުއަސާސީގެ ބައިތައް އެ ބައިގެ ތެރެއަށް އިތުރަށް ހަރުދަނާކޮށް ވަދެގެންދާނެއެވެ.

މެލޭޝިޔާއިން މިފަދަ ނިންމުމެއް ނިންމިއިރު، ދިވެހިރާއްޖޭގައިވެސް މިހާރުގެ ސަރުކާރުން ވަނީ ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ޚާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ސްކޫލްތަކުގައި "ދިވެހި ގައުމިއްޔަތު" ގެ ނަމުގައި ވަކި މާއްދާއެއް ތައާރަފްކޮށް، އެ މާއްދާ ކިޔަވައިދޭން ފަށާފައިކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް