ކުޅުދުށްފުށީ މަށިމާލި ޕެރޭޑުން ދައްކުވައިދެނީ ބިނާކުރަނިވި ފާޑުކިޔުންތައް: މިނިސްޓަރު

ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް: އޭނާ ވިދާޅުވީ ކުޅުދުށްފުށީ މަށިމާލި ޕެރޭޑުން ދައްކުވައިދެނީ ބިނާކުރަނިވި ފާޑުކިޔުންތަކެއް ކަމަށް --- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

އީދާ ދިމާކޮށް ކުޅުދުށްފުށީ ސިޓީގައި ބާއްވާ މަށި މާލި ޕެރޭޑުގެ ފުޅަނދުތަކުން ދައްކުވައިދެނީ ބިނާކުރަނިވި ފާޑު ކިޔުންތަކާއި މެސެޖުތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ކުޅުދުށްފުށީ ސިޓީގައި ނެރޭ މާލި ޕެރޭޑަށް ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ތިބެއެވެ. އެގޮތުން، އެ ދުވަސްވަރެއްގައި ސިޔާސީ ގޮތުންނާއި ސަރުކާރުން ހިންގާ މަޝްރޫތަކަށާއި އިޖްތިމާއީ އެކި މައްސަލަތަކުގެ މައްޗަށް އެ ޕެރޭޑުގައި އަލި އަޅުވާލައެވެ.

އެ ސިޓީގެ މާލި ޕެރޭޑާއި ގުޅުވައި، މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުށްފުށީ މާލި ޕެރޭޑަކީ އަބަދު ވެސް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓޭ ކަމެއް ކަމަށެވެ.

ކުޅުދުށްފުށީ މަށިމާލި ޕެރޭޑުގައި މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ޝުއޫރު ފާޅުކޮށްފައިވާ ފުޅަނދެއް: އެ ޕެރޭޑުން ދައްކުވައިދެނީ ބިނާކުރަނިވި ފާޑުކިޔުންތަކެއް ކަމަށް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފަ --- ފޮޓޯ/ ކުޅުދުށްފުށީ އޮންލައިން

ސަރުކާރުގެ ބައެއް ސިޔާސަތަށް ފާޑުކިޔައި، ވައުދުތައް ފުޅަނދުތަކުން ހަނދާންކޮށް ދިނުމަކީ ބިނާކުރަނިވި ފާޑުކިޔުންތަކާއި މެސެޖުތަކެއް ގޮތުގައި ގަބޫލު ކުރައްވާކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރު ކުޅުދުށްފުށީ ސިޓީގެ މަށި މާލި ޕެރޭޑުގައި ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅުވައި ޝުއޫރުތައް ފާޅުކޮށްފައެވެ.

މިގޮތުން، މަސްވެރިންނަށް ފައިސާ ދިނުން ލަސްވެ، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރާނެކަމަށް ވެފައިވާ ވައުދަށް އެ ޕެރޭޑުގައި ފާޑު ކިޔާފައިވެއެވެ. އަދި، މި ފަހުން މަސްވެރިން ވަނީ އެ މީހުން ކިރުވާ މަހަށް ފައިސާ ނުލިބި ލަސްވާތީ އިހުތިޖާޖެއް ވެސް ކޮށްފައެވެ.

ބޮޑު ޢީދަކީ ރާއްޖޭގެ ރަށްރަށުގައި، ސަގާފީ އެތައް ކުޅިވަރުތަކަކާ އެކު ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ޗުއްޓީއެކެވެ.

މީގެއިތުރުން، ޢީދުގެ މުނާސަބަތުގައި އުފާ ފާޅުކުރުންތައް އިސްލާމްދީނާއި ދިވެހީން އިޖުތިމާޢީ މިންގަޑުތަކާ އެއްގޮތަށް ބޭއްވުމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން އޮތީ މި ފަހަރު ރަަށު ކައުންސިލްތަކަށް ވެސް އަންގައިފައެވެ.

comment ކޮމެންޓް