ކުޅުދުއްފުށީގައި މެޑިކަލް އޮފިސަރަކަށް ގެއްލުން ލިބޭގޮތަށް ހިންގި އަމަލު ކުށްވެރިކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް --

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކަށް ގެއްލުންވާ ގޮތަށް ހިންގި އަމަލު އެ ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އެ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ބަލިމީހެއްގެ އެހީތެރިއެއްގެ ފަރާތުން، އެ ވަގުތު ޚިދުމަތް ދެެމުން ގެންދެވި މެޑިކަލް އޮފިސަރަކަށް ޖިސްމާނީ, އަދި ނަފްސާނީ ގޮތުން ގެއްލުމެއް ލިބިދާނެފަދަ އަމަލެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ، އެ މުވައްޒަފުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، މި ކަން ގާތުން ބަލައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވެސް އަޅާނެ ކަމަށެވެ.

އަދި މި ފަދަ އަމަލުތަކަކީ ސިއްޙީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން، ކުރުން މަނާ އަމަލަކަށްވީއިރު، އެ ފަދަ ހާލަތްތަކުގައި ޚިދުމަތް ދިނުމަށް އިޢުތިރާޒު ކުރުމުގެ ބާރު ސިއްޙީ ޚިދުމަތްތެރިންނަށް ލިބިގެންވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެން ކަމުން، މި ފަދަ އަމަލުތައް ނުކުރަމަށާއި ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އެންމެހާ އަމަލުތަކުން ދުރުވުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެ ހޮސްޕިޓަލުގެ ޚިދުމަތް ރަނގަޅު ކުރުމަށް އާންމުންގެ ފަރާތުން ލިބޭ ޚިޔާލުތަކާއި އެހީތެރިކަމަށް އެ ހޮސްޕިޓަލުން ވަނީ މަރުޙަބާ ކިޔައިފައެވެ.

comment ކޮމެންޓް