ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެ، 57 ގެއަކަށް ގެއްލުންވެއްޖެ

ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެފައި --- ފޮޓޯ/ އެމްއެންޑީއެފް

ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެ، 57 ގެއަކަށް ރޭ ފެންވަދެ، އެކި ވަރުގެ ގެއްލުންތައް ވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން 'ސަން'އަށް ބުނީ އެ ސިޓީގެ 65 ޕަސެންޓް ގެއަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށެވެ.

"މުޅި ރަށުގައި ފެންބޮޑުވެފައި މި އޮތީ. ހުރިހާ ގެއެއްގެ ކަހަލަ ގޮތަކަށް ގޯތިތެރެއަށް ފެން ވަދެފައި އޮތީ. ރަށުގެ ގާތްގަނޑަކަށް 65 ޕަސެންޓް ގެތަކަށް ފެން ވަދެފައި މިހާރު އޮތީ،" އެ ރަށު ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ، ފެންބޮޑުވުމާ އެކު ކައުންސިލްގެ ޕަންޕުތައް ނެރެ ފެން ހިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި، ފެންބޮޑުވި ގެތަކުގެ ތެރެއިން ފަސް ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދީފައިވާ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

އެ ކަމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ކުރި ޕޯސްޓެއްގައި ބުނީ، އުތުރުގެ އަތޮޅުތަކަށް ރޭ ކުރި ވިއްސާރާގައި ހއ. ހޯރަފުށީގެ ދެ ގެއަކަށް, ކުޅުދުއްފުށި ސިޓީގެ 57 ގެއަކަށް, ށ.ފީވަކުގެ ފަސް ގެއަކަށް އަދި ށ. ނޫމަރާގެ ފަސް ގެއަކަށް ފެން ވަދެ ގެއްލުންވެފައިވާ ކަމަށެވެ.

މޫސުން ގޯސްވެ، ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ރޭ ކުޅުދުއްފުށި ސިޓީ ސަރަހައްދަށް އޮރެންޖު ސަމާލެއް ވެސް ނެރުނެވެ.

މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުވެ ވިއްސާރަ ކަމަށާއި ހުޅަނގު މޫސުން ޑިސެމްބަރާ ހަމައަށް ދިގުލައިގެން ދާނެ ކަމަށް އެ އިދާރާއިން މީގެ ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް