ހައްޖުގެ ކަންކަން ސިޔާސީކޮށް ހަގީގަތް އޮޅުވައިލުން ބަލައިނުގަނެވޭ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ރާއްޖޭގެ ހައްޖާޖީން މިނާގައި ތިބީ ވަރަށް ހާލުގައި, ވަރަށް ތޮއްޖެހިފައިވާ ޓެންޓެއްގައި ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މިޑިއާގައި ވީޑިއޯތަކެއް ދަނީ ދައުރުވަމުންނެވެ.
އެކަމާ ގުޅޭ ގޮތުން 'ސަން'އިން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެއީ މުޅިން ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އަދި ރާއްޖޭގެ ހައްޖާޖީންނަށް ވެސް އިންތިޒާމު ހަމަޖައްސާފައިވަނީ، ސައުދީ ސަރުކާރުން އެންމެހާ ހައްޖާޖިންނަށް ވެސް ކަނޑައަޅައިފައި އޮންނަ މިންވަރު ކަމަށް އޭނާ ވިދާޅުވިއެވެ.
"މިނާއަކީ ލައްކަ މީހުން އެއްވާ ތަނެއް. ހައްޖުގެ ކަންކަން ސިޔާސީކޮށް ހަގީގަތާ ޚިލާފު ވާހަކަ ފެތުރުން ބަލައި ނުގަނެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންގެ ހައްގުގައި ވަރަށް ބޮޑެތި ގުރުބާނީތަކެއް ވަމުންދާ ކަމަށެވެ. އެތައް ބަލި މީހުންނެއް އުޅޭއިރުވެސް އެމީހުންނަށް އަޅައިލައި، ގަދަ ހޫނުގައި ހާޖީންގެ ރައްކާތެރިކަން ބަލަހައްޓައި ރަނގަޅު ކާތަކެތި ދޭކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ދަނީ ދިވެހިން އުފާވާ ފަދަ ނަމޫނާއެއް ދައްކަމުން ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ހައްޖުވެރިންތަކެއް މިނާގެ ޓެންޓެއްގައި ވަރަށް ތޮއްޖެހިފައި ތިބޭ މަންޒަރެވެ.
މި އަހަރު ރާއްޖެއިން ޖުމްލަ 1150 މީހުންވަނީ ހައްޖަށް ގޮސްފައެވެ. އޭގެ ތެރޭގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 50 މީހުން ވެސް ވަނީ ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވައިފައެވެ.
ހައްޖަށްދާ ދިވެހިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އަގު ބޮޑުވުމެވެ. ހައްޖަށް މީހުން ގެންދިޔުމަށް ޓަކައި މިހާރު ނަގަނީ 69,965 ރުފިޔާ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވާ ގޮތުގައި މި އަގަކީ ދިވެހި ރައްޔިތުން އަތުން އަޅުކަމަކަށް ނަގަން އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގެކެވެ. އެހެންވެ، ކުރިއަށް އޮތް ތިން އަހަރު ތެރޭ ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ނަގާ އަގު 50،000 ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ ވިދާޅުވެފައެވެ.