އައިޔޫއެމް އިތުރު ހަރުފަތަކަށް ގެންދަން އަންނަ އަހަރު ސަރުކާރުން މަސައްކަތް ފަށާނެ: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު: ވިދާޅުވީ އައިޔޫއެމް އިތުރު ހަރުފަތަކަށް ގެންދަން 2025ގައި ސަރުކާރުން މަސައްކަތްތަކެއް ފަށްޓަވާނެ ކަމަށް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އިތުރު ހަރުފަތަކަށް ގެންދިއުމަށް ޓަކައި 2025ވަނަ އަހަރު ސަރުކާރުން މަސައްކަތްތަކެއް ފައްޓަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އައިޔޫއެމްގެ ފަރާތުން ބޭއްވި މަޙްފަލުލް ޤުރުއާނިލްކަރީމްގެ އިފްތިތާހީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކައިގައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އައިޔޫއެމާ ގުޅޭ ތަސައްވުރެއް އޮތްކަން ފާހަގަ ކުރައްވައިފައެވެ. އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީން ކުރެވެނީ 2025ވަނަ އަހަރަކީ މި ޖާމިއާ އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތްތަކެއް ސަރުކާރުން ފަށްޓަވާނެ އަހަރަކަށް. އެ ކަމުގެ އުފާވެރިކަމުގެ ޚަބަރު އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް މިއަދު އަރުވަން،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ދިވެހީންގެ އިތުރުން، މި ސަރަހައްދުގެ އެހެން ގައުމުތަކުގެ މީހުންނަށް ވެސް ތައުލީމު ހާސިލު ކުރެވޭނެ މަރުކަޒަކަށް އައިޔޫއެމް ހެދުންކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އައިޔޫއެމުން އިސްލާމީ ތައުލީމާއި، ޤުރްއާން ކިޔެވުމުގެ ފަންނު ޒުވާނުންގެ ހިތްތަކުގައި އުފެއްދުމަށް އޮތް ޝައުގުވެރިކަން ހާމަވެގެންދިޔަ ކަމަށެވެ.

މީގެއިތުރުން ޝަހީމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޤުރްއާނުގެ އިލްމު ފެތުރުއްވުމަށް އައުޔޫއެމުން ކުރަމުންދާ މަސައްކަތްތަކަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އަބަދު ވެސް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުނުން ދެމުންގެންދާނެ ކަމަށެވެ.

އަލްމަޙްފަލުލް ޤުރްއާނިލް ކަރީމަކީ ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުންނާއި ޤުރްއާނުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަމުން އަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ ޙަރަކާތެކެވެ.

އައިޔޫއެމުން ބުނީ އެ މަޙްފަލުގެ މައިގަނޑު މަގުސަދަކީ ދިވެހި މުޖުތަމަޢުގެ ޤުރްއާނަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކީރިތި ޤުރްއާން ކިޔެވުމުގެ ތަފާތު ޤިރާއަތްތަކަށާއި ތިލާވަތުކުރުމުގެ ފަންނާއި ހުނަރު ތަރައްގީކުރުން ކަމަށެވެ. އަދި ދިވެހި މުޖުތަމައު ކީރިތި ޤުރްއާނުގެ އިލްމަށް އަހުލުވެރިކުރުވުން ކަމަށެވެ. މީގެ އިތުރުން ޤުރުއާން އުގަންނައިދޭ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމަކީ ވެސް އިތުރު މަގުސަދެކެވެ.

comment ކޮމެންޓް