ތިން އަހަރު ތެރޭ ހައްޖުގެ އަގު 50،000 ރުފިޔާއަށް ދަށްކުރެވޭނެ: ޝަކީލް

ދިވެހި ހައްޖުވެރިންތަކެއް ފުރަނީ -- ފޮޓޯ/ ހައްޖު ކޯޕަރޭޝަން

ކުރިއަށް އޮތް ތިން އަހަރު ތެރޭ ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ނަގާ އަގު 50،000 ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝަކީލް ވިދާޅުވީ، ހައްޖަށް މީހުން ގެންދިޔުމަށް ޓަކައި މިހާރު ނަގަނީ 69,965 ރުފިޔާ ކަމަށެވެ.

ނަމަވެސް މި އަގަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވާ ގޮތުގައި ދިވެހި ރައްޔިތުން އަތުން އަޅުކަމަކަށް ނަގަން އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގެއް ކަމަށް ޝަކީލް ވިދާޅުވިއެވެ.

"އެހެންވީމާ އެމަނިކުފާނުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ހައްޖަށް މީހުން ގެންދިޔުމަށް ޓަކައި މި ނަގާ އަގު ކުޑަކޮށްދިނުމަކީ،" ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީގައި ހުންނަވައި ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ، އޭނާ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމުގެ މަގާމަށް އައްޔަނުކުރުމަށް ޓަކައި އެންމެ ފުރަތަމަ ވެސް ރައީސް މުއިއްޒު އެދިވަޑައިގަތީ ހައްޖަށް މީހުން ގެންދާ އަގު ކުޑަކޮށްދިނުމަށް ޓަކައި ހައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހައްދަވައިދެއްވުމަށް ކަމަށެވެ.

އެކަން ކުރުމަށް ޓަކައި ހައްޖު ކޯޕަރޭޝަނަކީ އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެ، ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށް ޝަކީލް ވިދާޅުވިއެވެ.

ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް މީގެ ކުރިން އަމިއްލަ ކުންފުނިތަކުން އައީ ބޮޑެތި އަގުތައް ނަގަމުންނެވެ.

އެކަން ހައްލުކުރުމަށް ޓަކައި މިހާރު ހައްޖު ކޯޓާތައް ދޫކޮށްފައި ވަނީ ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.

comment ކޮމެންޓް