ށ. ކަނޑިތީމު ރައްޔިތުން ހަދިޔާކުރި ތަރިކައިން އެ ރަށުގައި ސަގާފީ މައުރަޒެއް ހުޅުވައިފިއެވެ.
އެ މައުރަޒު ހުޅުވާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރުގައެވެ.
މި ކަމާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ކަނޑިތީމު ކައުންސިލްގެ ރައީސް އަޙުމަދު އަހުސަން ވިދާޅުވީ ކަނޑިތީމުގައި ސަގާފީ މައުރަޒެއް ހެދުމުގެ ބޭނުމަކީ ރަށުގެ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ފެންނާނެ ގޮތަށް ބެހެއްޓުން ކަމަށެވެ.
އަހުސަން ވިދާޅުވީ އެ ރަށުގައި ސަގާފީ މައުރަޒެއް ހުޅުވީ ޒުވާން ޓީމެއް އިސްނަގައިގެން ކަމަށެވެ. އަދި އެ މައުރަޒު ހުޅުވީ އެ ޓީމަށް އެ ރަށު ކައުންސިލްގެ ފަރާތުން ބޭނުންވާ އެއްބާރުލުމާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ކަން މި ފެށީ ރަށުގެ ޒުވާން ޓީމަކާއި ކައުންސިލާ ވެސް ގުޅިގެން. ރަށުގެ ޒުވާން ޓީމެއް އިސްނަގައިގެން ފެށި މަސައްކަތެއް މިއީ. ދެން ކައުންސިލުން އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެނީ،" އަހުސަން ވިދާޅުވިއެވެ.
އަހުސަން ވިދާޅުވި ގޮތުގައި މައުރަޒަށް ބޭނުންވާ އިމާރާތް ހަމަޖައްސައިދިނީ ރަށު ކައުންސިލްގެ ފަރާތުންނެވެ. އޭނާ ވިދާޅުވީ މަރުރަޒުގެ މަސައްކަތް ފެށިގެން އައީ މީގެ ފަސް އަހަރު ކުރިން ކަމަށެވެ. މަރުރަޒު ހުޅުވާފައިވަނީ އުވާލެވިފައިވާ ކަނޑިތީމުގެ އިހުގެ އަންހެނުންގެ މިސްކިތަށް ތަކެތި ބަދަލުކޮށް، އެ ތަނުގެ އަސްލު ނުގެއްލޭ ގޮތަށެވެ.
އަހުސަން ވިދާޅުވި ގޮތުގައި އެ މައުރަޒުގައި ބަހައްޓާފައިވަނީ ކަނޑިތީމަށް ނިސްބަތްވާ ތަރިކައެވެ. އެ ތަކެއްޗަކީ ރަށުގެ ރައްޔިތުން ހަދިޔާކޮށްފައިވާ ތަކެތި ކަމަށް އަހުސަންވަނީ "ސަން"އަށް ވިދާޅުވެފައެވެ.
ކަނޑިތީމުން އިސްނަގައިގެން ސަގާފީ މައުރަޒެއް ހުޅުވުމާ ގުޅިގެން ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު، އާދަމް ނަޞީރު އިބްރާހީމްވަނީ، ކަނޑިތީމު ކައުންސިލްގެ ރައީސް އަހުސަނަށް ފޯނުން ގުޅުއްވައި، މަރުޙަބާ ވިދާޅުވެފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ތަރިކައިގެ ތެރޭގައި ހިމެނޭ ހުރިހާ ބައިތަކަކަށް ވެސް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. ކަނޑިތީމުގައި މާއްދީ ތަރިކަތަކެއް ހުރި ފަދައިން މާނަވީ ތަރިކަތަކެއް ވެސް ހުންނާނެ ކަމަށާއި، މާއްދީ ތަރިކަ ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ބީދައިން މާނަވީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
ކަނޑިތީމުން ކުރަމުންދާ ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކޮށް އެކަން ފުޅާ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ޚިޔާލު ބަދަލުކުރުމަށް ކައުންސިލާ ބައްދަލު ކުރެއްވުމުގެ ޝައުގުވެރިކަން ތަރިކައާބެހޭ ވަޒީރު ފާޅުކުރައްވާފައި ވެއެވެ. އަދި އެ މަސައްކަތުގައި ވުޒާރާގެ ފަރާތުން ވެދެއްވެން އޮތް ކޮންމެ އެހީއެއް ވެދެއްވާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.