އެއް ދުވަސް ތެރޭ އިޒްރޭލުގެ އަށް ސިފައިން މަރާލައިފި

އިސްރާއީލުގެ އުތުރުގެ ކިރިޔާތު ޝްމޯނާގައި ހުރި ހިޒްބުاللهގެ ރޮކެޓް ހަމަލާއެއް އަމާޒުވި ގެއަކަށް އިސްރާއީލުގެ ސިފައިންގެ މީހަކު ވަންނަނީ. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިޒްރޭލުން މިދިޔަ އޮކްޓޯބަރު މަހު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށިފަހުން އިޒްރޭލުގެ ސިފައިންނަށް އެއް ދުވަސްތެރޭ ދިމާވި އެންމެ ނުރައްކާތެރި ހަމަލާތަކުގައި އަށް ސިފައިން މަރާލައިފިއެވެ.

އިޒްރޭލު ޑިފެންސް ފޯސެސް (އައިޑީއެފް)އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާ އަމާޒުވީ ޣައްޒާގެ ރެފިއުޖީ ކޭމްޕެއް ހުންނަ ތަލްއައްސުލްތާންގައި ސިފައިން ހަރަކާތްތެރިވަމުން ދިޔަ އުޅަނދެއް ގޮވުމުންނެވެ. އެ އުޅަނދު ގޮވީ އެ ސަރަހައްދުގައި ހަރުކޮށްފައި ހުރި ގޮވާ އެއްޗެހީގެ ސަބަބުން ކަމަށާއި ސިފައިން އެ ތަނުގައި ހަރަކާތްތެރިވީ "ޓެރަރިސްޓުން ތިބި ތަންތަން'' ހޯދުމަށް ކަމަށް އައިޑީއެފްއިން ބުންޏެވެ.

ރަފަހް ރެފިއުޖީ ކޭމްޕާ ކައިރީގައި ހުންނަ ތަލްއައްސުލްތާނަށް އަމާޒުކޮށް މިދިޔަ މަހު އިޒްރޭލުން ހަމަލާދީފައިވެއެވެ. އެގޮތުން މިދިޔަ މަހުގެ 26ގައި ދިން ހަމަލާއެއްގައި ގާތްގަނޑަކަށް 50 މީހުން ޝަހީދުކޮށްފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުގެ އަސްކަރީ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 662 ސިފައިން މަރުވެފައިވެއެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށިފަހުން ޒަޚަމްވި ސިފައިންގެ އަދަދު ވަނީ 3،848އަށް އަރާފައެވެ.

އިޒްރޭލުގެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އަންގައި އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ނެރުނު ނަމަވެސް، ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ދެމުގެންދާ ހަމަލާތައް އަދިވެސް ދަނީ ވަރުގަދަކުރަމުންނެވެ.

ޣައްޒާގައި ފަލަސްތީނުގެ 37،300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހަމަލާތަކުގައި 85،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

comment ކޮމެންޓް