ހޫނުގަދަވެ، އުރުދުންގެ 14 ހައްޖާޖީން މަރުވެއްޖެ

ހައްޖުވެރިން އަރަފާތު ބިމުގައި. މިއަހަރުގެ ހައްޖު މޫސުމަކީ އާދަޔާހިލާފަށް ހޫނު ދުވަސްވަރެއް. ފޮޓޯ/އަލް ޖަޒީރާ

ހޫނު ގަދަވުމުގެ ސަބަބުން އުރުދުންގެ 14 ހައްޖާޖީން މަރުވެއްޖެއެވެ.

މި އަހަރު ދެ މިލިއަނެއްހާ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވަމުން އަންނައިރު ސައޫދީ އަރަބިއްޔާއިން ކުރިން ވެސް ވަނީ އާންމުކޮށް ހޫނު ގަދަވާ ވަރަށްވުރެ މި އަހަރު ހައްޖު މޫސުމާ ދިމާކޮށް ހޫނު ގަދަވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިވާން އިލްތިމާސްކޮށްފައެވެ.

އުރުދުންގެ ޚާރިޖީ ވުޒާރާއިން ބުނީ އެގައުމުގެ ހައްޖުވެރިންގެ ތެރެއިން 14 މީހަކު ހޫނުގަދަވުމުގެ ސަބަބުން މަރުވިއިރު، އިތުރު 17 މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ. ނަމަވެސް މަރުވި މީހުންނާބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.

އުރުދުންގެ އިތުރުން އީރާންގެ ފަސް ހައްޖުވެރިން މަރުވެފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީންވެސް ބުނެފައިވެއެވެ. އެކަމުގެ ސަބަބު ހާމަކޮށްފައެއްނުވެއެވެ.

ސައޫދީގައި ހުންނެވި އިންޑޮނޭޝިއާގެ ސިއްހީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ގައުމުން ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 136 މީހަކު މަރުވެފައި ވާއިރު އޭގެ ތެރެއިން އެކަކު މަރުވީ ހޫނު ގަދަވެ "ހީޓް ސްޓްރޯކް"އެއް ޖެހިގެން ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަ ފޯ މީޓިއޮރޮލޮޖީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މައްކާއަށް އިއްޔެ ހޫނުމިން 52 ޑިގްރީ ސެލްސިއަސްއަށް އަރައިފައިވެއެވެ. ނަމަވެސް ވާރޭ ވެހުމުން ދުވަހުގެ ފަހު ބައިގައި ކޮންމެވެސް ވަރަކަށް ހޫނުމިން ދަށަށް ދިޔަ ކަމަށް ހިސާބުތަކުން ދައްކައިފައިވެއެވެ.

ހައްޖު މޫސުން ފެށުމުގެ ކުރިން ވެސް ސައޫދީން ވަނީ އާންމުކޮށް ހޫނު ގަދަވާ ވަރަށް ވުރެ މިފަހަރު ހޫނު ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. ސައޫދީން ބުނީ އާދީއްތަ ދުވަހު އެކަނި ވެސް ހޫނުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ކުރިމަތިވި 2،700 މީހަކަށް ފަރުވާ ދޭން ޖެހުނު ކަމަށެވެ.

މިދިޔަ އަހަރު ވެސް ހޫނު ގަދަވުމުގެ ސަބަބުން 240 މީހަކު ހައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވިއެވެ. އޭގެ ތެރޭގައި ގިނައީ އިންޑޮނޭޝިއާ މީހުންނެވެ. މިދިޔަ އަހަރު ހޫނުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވި ހައްޖާޖީންގެ އަދަދު 10،000އަށް އަރާއިރު އޭގެ ތެރެއިން 10 އިންސައްތަ މީހުންނަކީ ހީޓް ސްޓްރޯކް ޖެހުނު މީހުންނެވެ.

comment ކޮމެންޓް